ބަޢާވާތުގެ ސަރުކާރު އިންޤިލާބަކުން ބަދަލުކޮށްލުމަށް ޤައުމީ މަޖިލީހުން ނިންމައިފި

7 ފެބްރުއަރީގައި ބަޢާވާތެއް ހިންގައިގެން، ރައްޔިތުން އިންތިޚާބްކޮށްފައިވާ ސަރުކާރު ވައްޓާލުމަށް ފަހު ސަރުކާރާއި މިހާރު ހަވާލުވެ ތިބި ފަރާތްތައް އިންޤީލާބަކުން ބަދަލުކޮށްލަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ މައްޗަން ގޯލީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ހުށަހަޅުއްވާ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ތާޢީދު ކުރެއްވި ޤަރާރު އަޤުލަބިއްޔަތުން ފާސްވުމާއި ގުޅިގެންނެވެ. މާރިޔާ ހުށަހެޅުއްވި ޤަރާރްގައި ވަނީ،

– ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ އުތުރަށާއި ދެކުނަށް ވައުދުގެ ދަތުރުތައް ކުރި ހިނދު،
– މިދަތުރުތަކުގައި ދޮރުން ދޮރަށް ހިނގައި ވައުދު ފުއްދުނު މިންވަރާއި ރައްޔިތުންގެ ޚިޔާލު ހޯދުނުއިރު،
– ރައްޔިތުންނާއި ދެކެވުނު ވާހަކަތަކުން ރައްޔިތުން ބުނި ބަހަށްބަލާއިރު އެމީހުން ޤަބޫލުކުރާ ގޮތުގައި ދިވެހިރައްޔިތުންގެ ޑިކޮމްރަޓިކް ޕާޓީއަކީ ވައުދުވާ އަދި ވައުދު ފުއްދާ ބައެއްގެ ގޮތުގައި އެމީހުން ދެކޭކަމާއި ނަމަވެސް އެކަން ކުރެވޭނީ މިހާރު މިއޮތް ބަޢާވާތުގެ ސަރުކާރު ނިމުމަކަށް ގެނެސް ރައްޔިތުންގެ ވެރިކަމެއް އުފައްދައި ގެންކަމަށް ދެކޭ ހިނދު’
– ރައްޔިތުން އެންމެ ތާއިދުކުރާ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ސިޔާސީ މަޤްސަދަށްޓަކައި އޭނާއަށް ދައުވާކޮށް ރިޔާސީ އިންތިޚާބުގައި ބައިވެރި ނުވެވޭނެގޮތަށް ހުކުމް ކޮށްފާނެކަމަށް ޤަބޫލުކުރާ ހިނދު،
– އަދި މިރާއްޖޭގައި އިންތިޚާބެއް ނުބާއްވާ ގަދަބާރުން މިހާރު މިއޮތް ބަޢާވާތުގެ ވެރިކަން ދަމަހައްޓަފާނެ ކަމަށް ރައްޔިތުން ޤަބޫލުކުރާ ހިނދު،
– މިރާއްޖެއަކީ ދިވެހިރައްޔިތުންގެ ޤައުމަކަށްވެފަ، މިރާއްޖޭގެ ޤާނޫންއަސާސީގެ 4 ވަނަ މާއްދާއިން ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނާ ހިނދު، އަދި މިހާރު މިއޮތް ބަޢާވާތުގެ ސަރުކާރު ރައްޔިތުން ޤަބޫލު ނުކުރާ ހިނދު،
– މިބަޢާވާތުގެ ސަރުކާރު އިނބްގިލާބަކުން ނިމުމަކަށް ގެނެސް މިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމު ކުރުމަށް އެމްޑީޕީ އިން އިޤްރާރުވަމެވެ.
– އަދި މިކަން ކުރުމަށް 5 މެންބަރުންގެ އިންގިލާބީ ކޮމެޓީއެއް ނެގުމަށްވެސް ފެންނަކަމަށް ނިންމަމެވެ.

އިއްޔެގެ ޤައުމީ މަޖިލިސް ބާއްވާފައި ވަނީ އެމްޑީޕީން މިހާރު ބޮޑުތިލަދުން މައްޗަށް ކުރައްވަމުން ގެންދަވާ ވަޢުދުގެ ދަތުރުގެ އެންމެ ފަހު މަންޒިލްކަމުގައިވާ ހދ. ކުޅުދުއްފުށީގައެވެ.