މަގުމަތިން ވެރިކަން ވައްޓާލަން މިތިބީ ތައްޔާރަށް – ރައީސް ނަޝީދު

ދެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ނިކުންނާނީ މަގުމަތިން ވެރިކަން ވައްޓާލަން ކަމަށާއި، ފުރަތަމަ ވަޒަނުން މަރުވާން ކުޑަކޮށް ވެސް ޖެލިހުން ނުވާކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރުން މިހާރު ބޮޑުތިލަދުން މައްޗަށް ކުރަމުންގެންދާ ވަޢުދުގެ ދަތުގައި ރޭ ހއ. އިހަވަންދޫގައި ބޭއްވެވި ޖަލްސާގައި އެންމެ ފަހު ބައިވެރިއެއްގެ ގޮތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ކެތްކޮށްގެން ތިބެވިއްޖެ ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ ކެތްތެރިކަން މިހާރު ކޮޅުން ލައިގެން ހިނގައްޖެ ކަމަށެވެ. އަދި މި ސަރުކާރު އޮވެގެން މިނިވަން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނޭ ކަމަށް ދިވެހި ރައްޔިތުން އެއް އަޑަކުން ގޮވަމުން އަންނަ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް އިންތިޙާބްގައި ބައިވެރިވުމަށް ޖާގަ ދީފާނޭ ކަމަށް ނުފެންނާތީ، އެމްޑީޕީގެ މެމްބަރުން މިހާރު ތިބީ މަގުމަތިން ވެރިކަން ވައްޓާލަން ތައްޔާރަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަކީ، އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބި، ބިރު ފަހަނަ އަޅާފައިވާ ބައެއް ކަމަށާއި، މަގުމައްޗަށް ނުކުންނަ އިރު ސިފައިންނަށް ކެރެންޏާ ބަޑިތަކަށް ވަޒަން ލައްވައިގެން އެމްޑީޕީގެ މީހުންނާ ދިމާއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިނިވަން އިންސާފްވެރި އިންތިޚާބެއް ހޯދުމަށް އެމްޑީޕީން ދާނޭ ކޯޓެއް މިހާރު ނެތް ކަމަށާއި، އެމްޑީޕީން މަޝްވަރާ ކުރާނޭ ފަރާތެއް ވެސް ނެތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.