ނަޑެއްލާ އެމްޑީޕީ ގޮފިތަކުގެ ނޫސް ބަޔާން

އަޕްޑޭޓްކުރީ: ރާމިޒް

ނޫސްބަޔާން

ނަޑެއްލާއަކީ ޒަމާނުއްސުރު ތަރައްޤީ އިން އެކަހެރި ކުރެވިފައިވާ ރަށެކެވެ. މި ރަށުގެ ތަރައްޤީއާ މެދު ސަރުކާރުތަކުން އިހުމާލުވެފައި ވަނީ ކީއްވެތޯ އެއީ މިއަދު މި ފަސްގަނޑު ދެކެ ލޯބިވާ ކޮންމެ ދަރިޔެއްގެ ވެސް ހިތުގެ އުދާހެކެވެ. 2013 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ދައުލަތުގެ ބަޖެޓް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ޓަކައި ސަރުކާރުގެފަރާތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވިފައިވާއިރު ނަޑެއްލާގެ ވަށައިގެންވާ ރަށްތަކުގެ ތަރައްޤީއަށް ސަރުކާރުން ނުހަނު ގިނަ މަޝްރޫއުތަކެއް ރާވައި ބަޖެޓް ކުރެވިފައިވާކަން ބަޖެޓް ދިރާސާ ކުރުމުން އެންގި ހާމަވެއެވެ.

2013 ގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ބޮޑު ސިންގާ ބަޖެޓެއް ( ޖުމްލަ: 16،972،718،211 ސޯޅަހާސް ނުވަސަތޭކަ ހަތްދިހަ ދެ މިލިޔަން ހަތްލައްކަ އަށާރަ ހާސް ދުވިސައްތަ އެގާރަ ރުފިޔާ ) ފާސްކުރުމަށް ދައުލަތުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިރު މި ބަޖެޓުގައި ނަޑެއްލާގެ ތަރައްޤީއަށް އެއްވެސްކަމެއް ރޭވިފައި ނުވާކަމީ ނަޑެއްލާ ކައުންސިލްގެ ގިނަ މެމްބަރުން ތާޢީދު ކުރާ ސަރުކާރެއްގެ ފަރާތުން ފެނިގެންވާނޭ މަންޒަރެއް ނޫނެވެ. ރައްޔިތުން އިންތިޙާބުކުރި ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށްޓަކައި މަސައްކަތްކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ލިބިދެވެންޖެހޭ ތަރައްޤީއާޢި ތަހުޒީބުން ރައްޔިތުން އެކަހެރި ވަމުންދާހިދު އެކަމުގައި ބަސްބުނުމެއްނެތި ތިއްބެވުމަކީ ރައްޔިތުންނަށް ޓަކައި ވެވޭ އިހުމާލެކެވެ.

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ނަޑެއްލާގެ ތަރައްޤީ އަށް އެއްވެސް ކަމެއް ހިމެނިފައި ނުވާތީ ނަޑެއްލާ ކައުންސިލާއި މި ގޮފިތަކުގެ ފަރާތުން 08 ޑިސެމްބަރ 2012 ގައި ބައްދަލް ކުރުމަށް އެދުމުން ނަޑެއްލާ ކައުންސިލުން އެ އިންތިޒާމް ހަމަޖައްސަވައި ދޭނެ ކަމުގައި ވިދާޅުވުމަށްފަހު ބައްދަލު ވުމުގެ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނަޑެއްލާ ކައުންސިލްގެ ރަޢީސް އަމަލު ކުރެއްވި ގޮތުގެ ސަބަބުން މި ގޮފިތަކުން ނަޑެއްލާ ކައުންސިލާއި ބައްދަލްކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ނަޑެއްލާ ކައުންސިލުގެ މި އަމަލު މި ގޮފިތަކުން ކުއްވެރިކުރަމެވެ. ނަޑެއްލާގެ ތަރައްޤީ އާއި ގުޅުން ހުރި މިފަދަ ކަންކަމުގައި ނަޑެއްލާ ކައުންސިލާއި ބައްދަލުކުރުމަށް އެދުމުން އެފަދަ ކަންކަމުގައި ހާއްސަ ސަމާލުކަމެއް ދެއްވައި ނަޑެއްލާ ކައުންސިލުން އެކަންކަމަށް އެޓެންޑު ނުކުރައްވާކަމީ މި ގޮފިތަކުން ނުހަނު ހިތާމަކުރާކަމެކެވެ. ނަމަވެސް ކައުންސިލްގެ މެމްބަރުންގެ ތެރޭގައި ނަޑެއްލާގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފިކުރުގައި ތިއްބެވި ކައުންސިލަރުން ތިބިކަން އަޅުގަނޑުމެން ފާހަގަ ކުރަމެވެ. އަދި ބޭފުޅުންނާއި އެކު ނަޑެއްލާގެ ތަރައްޤީއަށް ޓަކައި މި ގޮފިތަކުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީން ކަން އަރުވަމެވެ.

2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ނަޑެއްލާގެ ތަރައްޤީއަށް ޓަކައި އެއްވެސް ކަމެއް ހިމެނިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމަށް ނެގޭ ވޯޓްގައި މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި މި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރ މުޙައްމަދު ނާޒިމް ބަޖެޓު ފާސްކުރުމަށް ވޯޓް ނުދެއްވުމަށް މި ގޮފިތަކުގެ ފަރާތުން ގޮވާލަމެވެ. 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ދިވެހި ރާއްޖޭގެ ތާރީޙް ގައި ދައުލަތުން ހުށަހެޅި އެންމެ ބޮޑު ބަޖެޓު ކަމަށްވެފައި މި ބަޖެޓުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށްދާއިރު ނަޑެއްލާގެ ރައްޔިތުންގެ އެތަކެއް ހައްޤުތަކެއްވެސް މި ބަޖެޓުގެ ސަބަބުން ގެއްލި ދާނެއެވެ. އަދި މި ބަޖެޓުން ދަރަނިން ބޮލަކަށްޖެހޭ 80,000 ( އަށްޑިހަ ހާސް ) އެތައް ރުފިޔާއެއްގެ ޒިންމާ ހުދު ނަޑެއްލާގެ ރައްޔިތުންވެސް ނަގަން ޖެހޭއިރު ނަޑެއްލާގެ ތަރައްޤީއަށް ހަމަ އެއްކަމެއްވެސް މި ބަޖެޓުގައި ނެތުމަކީ ނަޑެއްލާގެ ރައްޔިތުންގެ ޙައްގުތައް މި ސަރުކާރުން ފޭރިގަތުން ކަމުގައި މި ގޮފިތަކުން ދެކެމެވެ. ވީމާ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ފިނޭންސް މިނިސްޓަރ ކަމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ޖިހާދު ޙާޒިރުކޮށް މި ނަޑެއްލާގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ނަޑެއްލާގެ ރައްޔިތުން ދަރަނިވެރިކުރުމަށްފަހު ނަޑެއްލާއަށް ތަރައްޤީގެ އެއްވެސް މަޝްރޫއެއް 2013 ގެ ބަޖެޓުގެ ދަށުން އައިސްފައި ނުވަނީ ކީއްވެތޯ ބައްލަވައި ދެއްވުމަށް އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލީ ވަޙީދަށާއި، އަދި މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ނާޒިމް އަށް ނަޑެއްލާ ރައްޔިތުންގެ ފަރާތުން ގޮވާލަމެވެ.

އަދި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓައި ގުޅޭ އިތުމައުލޫމާތު ހޯދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފިނޭންސް ގެ ވެބްސައިޓް އެޑްރެސް: www.finance.gov.mvhttp:// އަށް ވަންނަވައި ޕީ.އެސް އައި.ޕީ ބަޖެޓް ނުވަތަ ބަޖެޓް ފޮތުގެ ވޮލިޔަމް 2 ގެ ސަފްހާނަމްބަރ: 146 ބެއްލެވުމުން އަދުގެ ސަރުކާރުން ނަޑެއްލާއާޢި މެދު ގެން ގުޅުއްވާ ނާއުންމީދީ ތަސައްވަރު ވަރަށްވެސް ފުރިހަމައަށް ފެނިވަޑައި ގަންނަވާނެއެވެ.


މުޙައްމަދު އަބްދުﷲ
( ގދ. ނަޑެއްލާ އެމް.ޑީ.ޕީ ޒުވާނުންގެ ގޮފީގެ ރަޢީސް )


ޙަމްދޫން ރަޝީދު
( ގދ. ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢީސް )