އެމްޑީޕީގެ ވެރިކަމުގައި ވަޒީފާގެ ފުރުސަތުތައް އުފައްދައި ހަމަޖެހިގެން ދިރިއުޅެވޭނޭ އިގްތިސާދީ ނިޒާމެއް ގާއިމްކުރައްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ވެރިކަމުގައި ވަޒީފާގެ ފުރުސަތުތައް އުފައްދައި ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވޭނޭ އިގްތިސާދީ ނިޒާމެއް ގާއިމްކުރައްވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ހއ.ކެލާ ގައި ބޭއްވި ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ގައުމުގެ އިގްތިސާދު ރަގަޅުކޮށް އެވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ދެގުނަ އިތުރުކުރައްވާނޭ ކަމަށެވެ.

ސަރުކާރާ ހަވާލުވެގެން ތިއްބެވި ބޭފުޅުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރެވޭނޭ ކަމަށް ހީކުރާ ކަމަށާއި، އަދި ދިވެހިރައްޖޭގެ ގާނޫނު އަސާސީއަށް ބެލުމެއް ނެތި ހިތުހުރި ގޮތަކަށް ކަންތައް ކުރުމަށް ފަހު ކޯޓުތައް މެދުވެރިކޮށް އެކަންތައް ގާނޫނީ ކަންކަމަށް ހަދަމުން ގެންދާ ކަމަށް މިރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަމެއް ވަކި ގޮތަކަށް ނިންމީމާ އެނިންމުމާ ދިމާ އިދިކޮޅަށް ކޯޓުތަކުން ހުކުމްކުރާ ކަމަށާއި، އެމަނިކުފާނު ރާއްޖޭގެ ކޯޓުތަކަކީ ގުއި ކޯޓުތަކެކޭ ވިދާޅުވަނީ އެހެންވެގެން ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކާމިޔާބުކަމާއެކު އެމްޑީޕީގެ ތަރައްގީއެއް ކުރިޔަށްދާ ކަމަށް ވާނަމަ އެ ކަމެއް ހުއްޓުވުމަށް މިހާރުގެ ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ. އަދި ރަށެއްގެ ނަރުދަމާގެ މަސައްކަތް ކާމިޔާބު ކަމާއެކީގައި ކުރިޔަށްދާ ކަމަށް ވަންޏާ އެ ނަރުދަމާ އެޅުމަށް އިންވެސްޓްކުރާ ފަރާތަށް ދީފައިވާ ރަށް އަތުލުމަށް މަސައްކަތްކޮށްފާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުގައި 89 ނަރުދަމާ ގާއިމްކުރުމަށް ކޮންޓްރެކްޓްކުރެވި ނުވަތަ ކޮންޓްރެކްޓްކުރުމަށް އެމްއޯޔޫގައި ސޮއިކުރެވިފައިވާނޭ ކަމަށާއި، އެހެން ނަމަވެސް އެމަސައްކަތްތައް އެކަށީގެންވާ ގޮތަށް ހިނގަމުން ނުދާ ކަމަށެވެ. އެގޮތުން ކެލާގެ ބަނދަރު ހެދުމަށް ކަނޑައަޅާފައިވާ ފައިސާ ވެސް ބަޣާވާތަށް ޚަރަދުކޮށްފައިވާ ކަމަށް

ބަޖެޓާއި ދައުލަތުގެ ޚަރަދުތަކާއި ބެހޭ ގޮތުން ރާއްޖޭގެ މާލިއްޔަތާއި ގުޅޭ ދާއިރާތަކުން ދޮގު ހަދަމުންދާ ކަމަށާއި، ދޮގެއް ހަދައިފިނަމަ އެ ދޮގު ފޫބެއްދުމަށް އެތައް ދޮގެއް ހަދަންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަމުދުން ހިސާބު އަދަދުގައި ދޮގެއް ނުހެދޭނޭ ކަމަށާއި، އެއަދަދު ދިމާވާންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖީއެމްއާރު ބޭރުކޮށްލުމަށް ކުރި މަސައްކަތުގައި ޓޫރިޒަމް ދާއިރާގައި ހިއްސާވާ ފަރާތްތަކުން ޝާމިލްވި ކަމަށް ވެސް މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގައި ތިއްބެވި ބޭފުޅުން އެތަނުގައި ތިބޭތާ މައުމޫނުގެ ވެރިކަމަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި، ” އެބޭފުޅުން އެތަނުން އަތްދޫކުރަން ބޭނުން ނުވަނީ ކެލާގައި ނަރުދަމާ އެޅިދާނެތީ، އާސަންދައިގެ ދަށުން ބޭސްކުރެވި މަހުޖަނުން ކައިރިއަށް ބޭސް ސިޓީއަށް ސަލާންޖަހަން ނުގޮސް ރައްޔިތުންގެ ގަދަރާއި އިއްޒަތް އުފުލި އަބުރުވެރި ބަޔަކަށް ވެދާނެތީ” ކަމަށާއި، ދެން އަންނަ އިންތިޚާބެއްގައި ވޯޓަށް ނުފޫޒް ފޯރުވުމަށް ކަމަށެވެ.