30 އަހަރުގެ ތަރައްގީ ފަދަ ފިރުކެމުން ފިރުކެމުން ތަރައްގީ އައި އަންނަ ވެރިކަމެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ހަލުވި ތަރައްގީ – ސަމީރު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

30 އަހަރުގެ ތަރައްގީ ފަދަ ފިރުކެމުން ފިރުކެމުން އައި ތަރައްގީ އަންނަ ވެރިކަމެއް ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، ބޭނުން ވަނީ ހަލުވި ތަރައްގީ ގެނެވެނޭ ވެރިކަމެއް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ނައިބު ލީޑަރު ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި މިރޭ ބޭއްވި ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދައުލަތުގެ ބަޖެޓްގައި ދިއްދޫއަށް ކަމެއް ކޮށްދޭން ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ނާޖާއިޒް ގޮތުގައި ބޭނުންކުރާ ފައިސާއިން ދިއްދޫ ތަރައްގީ ކުރަން ބޭނުން ނުވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ދިއްދޫ ދެން ވެސް ތަރައްގީ ވެގެން ދާނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރަން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް އެ އެއަރޕޯޓް ތަރައްގީކުރަން ބޭނުން ވަނީ ދައުލަތުގެ ބަޖެޓާއި ނުބައްސައި އިންވެސްޓަރުން ހޯދައިގެން ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ކިތަންމެ ފައިސާއެއް ހަރަދުކޮށްގެން ނަމަވެސް ޖީއެމްއާރު ބޭރުކުރާނޭ ކަމަށް ގައުމީ ޕާޓީގެ ލީޑަރު ހަސަން ސައީދު ވިދާޅުވުމާއި، ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށް، އެ މައްސަލައިގައި މަސްލަހަތު ފުށުއަރާ މީހަކު ބޭނުން ކޮށްގެން ސްޕްރީމް ކޯޓުން އެ ކޯޓު ސައްހަ ކަމަށް ނިންމާފައިވާތީ އެކަމަށް ވެސް ސަމީރު މިރޭގެ ޖަލްސާ ގައި ފާޑުވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ދިއްދޫގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ވެސް އޭނާ ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދާ އެކު މަސައްކަތްކުރައްވަނީ އަމިއްލަ ނަފްސަށް ގަބޫލުކުރެއްވޭ ގޮތް އެމަނިކުފާނު އަރިހުގައި ވިދާޅުވެވޭތީ ކަމަށާއި، ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅުގައި ހުންނަވަން ބޭނުން ނުވާތީ ކަމަށް ވެސް ސަމީރު މިރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން މިއަދު ދިއްދޫއަށް ދިއުމުން އެރަށުން ރައީސް ނަޝީދަށާއި، މިދަތުރުގެ ބައިވެރިންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ދިއްދޫ ގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ކޮންމެ ރަށެއްގައި ވެސް ބާއްވަމުން އަންނަ ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމާއި، އަދި އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ހިންގާ ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދިޔައެވެ.