ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި އެރަށްތައް ވައްލަ ބިސްއަޅަން އޮތީމާ ރަންގަނޑެކޭ ހިލަގަނޑެކޭ ވާނީ އެއްވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި ރާއްޖޭގެ ރީތި ރަށްތަކުގައި އިންވެސްޓްނުކޮށް ދޫކޮށްލެވިފައި ވައްލަ ބިސްއަޅަން ބޭއްވީމާ ރަންގަނޑެކޭ ހިލަގަނޑެކޭ ވާނީ އެއްވަރު ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި މިރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ތަރައްގީގެ މަގު ނޫން ކަމަށާއި، ރާއްޖެ ބިކަ ހާލުގައިވާ ތަން ކަމަށެވެ. އަދި އާ ގާނޫނު އަސާސީއެއް ހޯދީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ނަމަވެސް އެ މުއްސަނދިކަމުގެ ބޭނުން ނުކުރެވި، މިހާރު ރައްޔިތުންނަށް ލިބެމުން މިދަނީ ރައްޔިތުންނަށް ހައްގު މި މިންވަރު ނޫން ކަމަށާއި، ރާއްޖޭގެ ތަރައްގީއަށްޓަކައި އެ ގުދުރަތީ ވަސީލަތްތައް އެމްޑީޕީން “ހަބޭހަށް” ބޭނުންކުރާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ދިވެހީންގެ އަތުން ބީވެ ފުންވަޅުގަނޑަކަށް ވެއްޓެންދާ ކަމަށާއި، ދިވެހީންގެ އަގީދާ ވެސް ބަލިކަށިވަމުންދާ ކަމަށް މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް މިރާއްޖެ ތަރައްގީ ކުރެވޭނޭ ކަމަށާއި، ރާއްޖެ ބަދަލުކުރެވޭނޭ ކަމަށާއި، އެކަން ކޮށްފައި ނޫނީ ހުއްޓަވައި ނުލައްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ބީވެގެން. މިރާއްޖެ މިދަނީ ބީވެގެން. އަޅުގަނޑުމެންގެ އަގީދާ މިދަނީ ބަލިކަށިވަމުން. އަޅުގަނޑުމެންނަށް މިރާއްޖެ ތަރައްގީ ކުރެވޭނެ. މިރާއްޖެ ބަދަލުކުރެވޭނެ. އަޅުގަނޑުމެން އެކަންކޮށްފައި ނޫނީ ނުހުއްޓާނެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމަށްޓަކާ އޭ ކިޔައިގެން އެދައްކަނީ ހުސް ދޮގު ވާހަކަ ކަމަށާއި، އެ ގައުމަށްޓަކާ ގައި އަތެއް ނުލެވޭނޭ ކަމަށް އެމަނިކުފާނު މިހާރު ވިދާޅުވަމުންގެންދަވާ ވިދާޅުވުން މިރޭ ވެސް ތަކުރާރުކުރެއްވިއެވެ. އަދި ގައުމެއް ތަރައްގީ ކުރެވޭނީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ ފަގީރުކަމުން އަރައިގަނެވިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ގައުމަށްޓަކާ އޭ ކިޔައިގެން އެ ހަދަނީ ހުސް ދޮގު. އެއީ ހުސް ދޮގު. ގައުމަށްޓަކާ ގައި އަތެއް ނުލެވޭނެ. ނަރުދަމާ ގައި އަތްލެވޭނެ. ބޯހިޔާވަހިކަމުގައި ނިދޭނެ. އެކަނިވެރިމައިންނާއި، ނިކަމެތިންނާއި އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތުން އިޖުތިމާއީ ރައްކާތެރިކަން ލިބޭނެ. ގައުމަށްޓަކައި ކަންތައް ކުރުމަކީ އެކަނިވެރިމައިންނާ އަޅާލުން. ކުދިން އަޅާލުން ލިބިގެން ބޮޑުވާނީ އެކަނިވެރިމައިންނާ އަޅާލެވިގެން. ނިކަމެތިންނާ އަޅާލުން. ފަގީރުކަމުން އަރައި ގަނެވޭނީ ނިކަމެތިންނާ އަޅާލައިގެން. ފަގީރުކަމުން އަރައި ނުގަނެވޭ އެއްވެސް ގައުމަކަށް ތަރައްގީއެއް ނުގެނެވޭނެ.” ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކީ ވަށާޖެހޭ ތަރައްގީގެ މަޝްރޫއުތަކެއް ކަމަށާއި، އެ މަޝްރޫއުތައް ނިމޭއިރު ފުޓުބޯޅަ ދަނޑުހެދުމާއި، ބިންހިއްކުމާއި، ނަރުދަމާ އާއި ފެނާއި، މިފަދަ ތަރައްގީގެ އެތައް ކަމެއް ނިމިފައި ހުންނާނޭ ކަމަށެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީއާއި ދިއްދޫ އިން އަލަށް ގުޅުނު ބައެއް ފަރާތްތަކުގެ ފޯމުތައް ހަވާލުކުރުމާއި، ދިއްދޫ އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން އެމްޑީޕީގެ ފްލެގްމޭންގެ ނަމުން މަޝްހޫރުވެފައިވާ ސަމަދުބެއަށް ހަނދާނީ ހަދިޔާއެއް އެރުވުން ވެސް އޮތެވެ.

އެމްޑީޕީގެ މެންބަރޝިޕް ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ އިސްލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި، އެޕާޓީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމް އެވެ.