ވައުދުގެ ދަތުރުގައި ރައީސް ނަޝީދު ހއ.މުރައިދޫއަށް ޒިޔާރަތްކުރައްވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ހއ.މުރައިދޫއަށް ވަޑައިގެންފިއެވެ.

މިއަދު މެންދުރު މުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި މުރައިދޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި ތައުލީމީ ފެންވަރު ރަގަޅުކުރުމާއި، ވަޒީފާގެ ފުރުސަތު އިތުރުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ހެނދުނު ގޭގެއަށް ވަޑައިގަންނަވާއިރު، ކުދިން ސްކޫލަށް ފޮނުވުމުގެ ކުރިން ހެނދުނު ސައިދެނީ މަދުކުއްޖަކަށް ކަން ފާހަގަކުރެއްވުނު ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ އާ މެނިފެސްޓޯގައި ތައުލީމަށް ދޭ އަހަމިއްޔަތު ވަރަށް ބޮޑު ތަނުން އިތުރުވެގެން ދާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުން ގައުމަށްޓަކައި އުޅޭ އިރު ވެރިން އުޅުއްވަނީ ރަން އިލޮށިން ކަދުރު ފަރިއްކުޅުއްވަން ކަމަށް ވިދާޅުވެ ސަރުކާރު ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކަށް ފާޑުވިދާޅުވިއެވެ.

މުރައިދޫގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ދިޔައެވެ.