ނާޒިމްގެ މައްޗަށް އެމްޑީޕީން އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ޑިފެންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ނާޒިމްގެ މައްޗަށް އެމްޑީޕީން އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފިއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި މައިގަނޑު 4 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ނާޒިމް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އެވިއޭޝަންކަމުގެ ގޮނޑީގައި އިންނަވައިގެން މިދެ ވުޒާރާގެ މަސައްކަތްތައް އެމައްޗަށް ބިނާކުރެވޭ އަސާސީ ސިފަތައް މަސްހުނިކުރައްވައި، ދިވެހި ސަރުކާރު ޝާމިލްވެ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އަސްކަރީ ނުފޫޒުފޯރުވާފައިވާތީ އާއި، ނާޒިމްގެ އަމަލުގެ ސަބަބުން ދިވެހި ދައުލަތަކީ މަދަނީ މުޢާމަލާތްތައް ޝަރީއަތުން ބޭރުގައި، ގަދަބާރުން ރޫޅާލާ ޤައުމެއްގެ ގޮތުގައި އަދި ޤާނޫނުގެ ވެރިކަން ބަލިކަށިވެފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ފެނި، ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އެހީތެރިވި، އަދި ދިވެހިރާއްޖެއާއެކު ޒަމާންވީ، ބަދަހި ގުޅުމެއް ބާއްވައި އެކި ރޮނގު ރޮނގުން ބޮޑެތި އެހީތައް ވެފައިވާ އަދި މިހާރުވެސް ވަމުންދާ އެކުވެރި ދައުލަތަކާ ގުޅުން ހީނަރުވެފައިވުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ބަލައިގަނެފައި އޮތް ކޯޓަކުން ސަރުކާރުގެ މައްޗަށް ކުރި މަދަނީ އަމުރާ އެއްގޮތަށް އަމަލުނުކުރާނެކަމަށް މިނިސްޓަރ އޮފް ޑިފެންސްގެ މަގާމާ ހަވާލުވެވަޑައިގެން ހުންނަވައި އިއުލާންކޮށް ޤާނޫނުގެ ވެރިކަމުގެ މަސްދަރު ބަލިކަށިކޮށް، ދިވެހި ދައުލަތުގައި ގަދަބާރުން އަމަލުކުރާ މިލިޓަރީ ދައުލަތެއްގެ ސިފަ ޖައްސާފައިވާތީ އާއި ޤާނޫނީ ތަރަހައިން ބޭރުން، ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގައި ތިއްބެވި އެހެނިހެން ޤައުމުތަކުގެ ޑިޕްލޮމޭޓުންނާއި ޢާންމު މިހުންގެ ފޯނުކޯލްތައް އަޑުއަހާ އަދި ޒާތީ ދިރިއުޅުމަށް ވަދެ، އެ ހައްޤުތަކަށް ފުޅާދާއިރާގައި އަރައިގަންނަމުންދިއުން ވެސް ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

އެހެންކަމުން “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި ގ.ސީނުކަރަންކާގެ އަލްފާޟިލް މުޙައްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަމެވެ.” އެމްޑީޕީން މިއަދު ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައިވެއެވެ.