އިންޑިއާ އާ ޒުވާބުކޮށް އަރާރުންވެ ނުރުހުން ވުމަކީ އެއްވެސް ހާލެއްގައި ރާއްޖެއަށް މަންފާއެއް ކުރާނޭ ކަމެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އަވައްޓެރި އިންޑިއާ އާއި ޒުވާބުކޮށް އަރާރުންވެ ނުރުހުންވުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް މަންފާއެއް ކުރާނޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބާރަށުގައި ރޭ ބޭއްވި ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ފައިދާއެއް ލިބެން އޮތީ ބައިނަލްއަޤްވާމީ ގުޅުން ރަގަޅުކޮށްގެން ކަމަށެވެ. ގައުމަށްޓަކައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ސިޔާސީ ވާދަވެރިން މިހާރަކަށް އައިސް އުފެއްދުމަށް މަސައްކަތްކުރާ ވަތަނީ ރޫހަށް އިޝާރާތްކޮށް ރައީސް ނަޝީދު ވިދާޅުވީ ގައުމަށްޓަކާ އަކީ “ރައްޔިތުންގެ ހިތްތަކާ ކުޅެލަން ސިޔާސީ ވާދަވެރިން ގެންގުޅޭ ހަތިޔާރެއް” ކަމަށާއި، ގައުމަށްޓަކައި މަސައްކަތްކުރުމަކީ ތަރައްގީއަށް މަސައްކަތްކޮށް ރިވެތި ގޮތުގައި ދިރިއުޅުމަށް މަސައްކަތްކުރުން ކަމަށެވެ. ގައުމީ ރޫހަކީ އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލައި ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުން ކަމަށާއި، މިކަންކަމުގެ ވާހަކަ ނުދައްކައި ލަވައަކުން ފަރިއްސަކުން ކިޔާ ގައުމިއްޔަތެއް ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ދިޔައީ ތަރައްގީގެ ތަސައްވުރެއް ކުރަހައި، އެ ތަސައްވުރުގައި ކުލަ ޖައްސަމުން ކަމަށާއި، ގައުމެއް ނުވަތަ ރަށެއް ތަރައްގީވެ ދަނީ ކިހިނެއް ކޮންގަތަކަށް ކޮންކަމެއް ކޮށްގެންތޯ ބަލަމުން ކަމަށެވެ. އަދި ގައުމެއް ތަރައްގީ ވަނީ ވަކި އިރެއްގައި ވަކި ހަމައަކުން ވަކި ކަންތައްތަކެއް ކޮށްގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކަމެއް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރާން ޖެހެނީ އެހެން ކަމެއް ކަމަށާއި، ކުރާން އުޅޭ ކަމެއް ކުރެވޭނީ އެހެން ކަންތައްތައް ކުރަމުން ކުރަމުން ގޮސް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ރޭގެ ޖަލްސާ ގައި ތަކުރާރުކުރެއްވިއެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމަށް އެމަނިކުފާނުގެ ސަރުކާރުން ބޮޑު އިސްކަމެއް ދިނީ ގައުމެއް ތަރައްގީވުމަށް އެންމެ ފުރަތަމަ ތަރައްގީ ވާން ޖެހޭނީ ރައްޔިތު މީހާ ކަމަށް ވާތީ ކަމަށާއި، އެގޮތުން ” އެމްޑީޕީގެ ސަރުކާރަށް އެންމެ ބޮޑަށް ސާފުވެފައި އޮތީ ބާރަށް ވެސް ތަރައްގީ ކުރެވޭނީ އެ ރަށުގެ ނިކަމެތިންނަށް ރައްކާތެރިކަން ހޯދައިދެވިގެން ކަމަށް”، ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ބާކީ އޮތް 2 އަހަރު ލިބި އެމްޑީޕީން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ހިންގުނު ނަމަ 30 އަހަރުގެ ޚުދުމުޚްތާރު ކުލަ މުޅިން ފުހެވިގެން ދިޔައީސް ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބާރަށުގެ ތަރައްގީއަށް އެމްޑީޕީ ސަރުކާރުން ކުރަން ރާވާފައިވާ ކަންތައް ހިންގުމަށް ފުރުސަތު ބޭނުންވާ ކަމަށާއި، އެއީ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެހެން ނޫނީ ރާއްޖެ ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތް ނުވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ގައި 100 މިލިޔަން ޑޮލަރު ވެސް ނެތް ކަމަށާއި، އެއީ 10 ދުވަހުގެ ތެލާއި ކާބޯތަކެތި ގަނެވޭ ވަރުގެ ރިޒާވެއް ކަމަށާއި، މީގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ ފޭރާން ރޫޅި، ދީނީ އަގީދާ ދަނީ ގެއްލެމުން ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ބާރަށުގެ ގުދުރަތީ ވަސީލަތްތަކާއި، މުއްސަނދި ކަމަކީ އެ މުއްސަނދިކަމުން ބާރަށުގެ ރައްޔިތުންނާއި މުޅި ތިލަދުންމަތީގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ވެސް މަންފާ ލިބޭނޭ މުއްސަނދި ކަމެއް ކަމަށާއި، ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ބާރަށުގައި ޔޮޓް މެރީނާއެއް ހައްދަވައިދެއްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބާރަށުގައި އިއްޔެ ވަނީ އެމްޑީޕީގެ އާ ހަރުގެއެއް ވެސް ހުޅުވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ކޮންމެ ރަށެއްގައި ވެސް ބާއްވަމުން އަންނަ ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމާއި، އަދި އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ހިންގާ ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް ބާރަށުގައި ވެސް ކުރިއަށް ގެންދިޔައެވެ.