ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރު ނިންމުމަށްފަހު މާލެ އަންނައިރު އެ ފްލީޓާ އިތުރު 10 އުޅަނދު ގުޅޭނޭ ކަމަށް ޝިފާޒް ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީން މިހާރު އެންމެ އުތުރުގެ 3 އަތޮޅަށް ކުރަމުންދާ ބޮޑު ތލަދުންމަތީ ވައުދުގެ ދަތުރު ނިންމުމަށްފަހު އެ ފްލީޓް މާލެ އަންނަ އިރު އިތުރު 10 އުޅަނދު އެ ފްލީޓާ ގުޅޭނޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ބާރަށު ސްކޫލްގައި ރޭ ބޭއްވި ވައުދުގެ ދަތުރުގެ ޖަލްސާ ގައި ޝިފާޒް ވިދާޅުވީ ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރު ކުޅުދުއްފުށިން ނިންމުމަށްފަހު މާލެ ދާއިރު، 5 އުޅަނދު ހިމެނޭ އެ ފްލީޓާ އިތުރު 10 އުޅަނދު ގުޅޭނޭ ކަމަށެވެ. މީގެ އިތުރުން ހއ، ހދ އަދި ށ އަތޮޅު ހިމެނޭ މަތި އުތުރުގެ ރައްޔިތުންނަކީ ކެރޭ ބައެއް ކަމަށާއި، އެ ސަރަހައްދުން މީހުން މާލެ ގޮސް މިހާރު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ.ވަހީދު ހަސަން މަނިކުގެ ވެރިކަން ފެބްރުއަރީގެ ކުރިން ނިމުމަކަށް ގެންނާނޭ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ރޭގެ ޖަލްސާ ގައި ޝިފާޒް ވަނީ ހުޅުމާލެ ކޯޓު ކަމަށް ބުނާ ތަނަކީ ސައްހަ ކޯޓެއް ކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެ ގޮތުން އޭނާ ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ސްޕްރީމް ކޯޓުގެ ބެންޗު މިފަދަ ބޮޑު މައްސަލައެއްގައި ދެކަފިވެފައިވާ ތަން ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަކީ ޗީފް ޖަސްޓިސް ކަމަށް ވާއިރު، އޭނާގެ ރައުޔާ ސްޕްރީމް ކޯޓުގެ ބެންޗުގެ ބައެއް ފަނޑިޔާރުން ޚިލާފްވުމުން އެ ހިސާބުން އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދޭން ޖެހޭނޭ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ބާރަށުގެ ތާރީޚުގައި އެރަށުގައި ތަރައްގީގެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކުރިޔަށް ގޮސްފައި ވަނީ ޚިޔާލުތަފާތުވުން ބޮޑު ވުމުގެ ސަބަބުން ކަމަށާއި، ރަށެއް ތަރައްގީ ވާނީ އެރަށެއްގެ ރައްޔިތުންނަކީ އެއްބަނޑު އެއްބަފާ އެއްބައެއްވަންތަ ބަޔަކަށް ވެގެން ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް ބާރަށުން މިހާރު ފެންނަ މަންޒަރު ވަރަށް “އުޖާލާ” ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ރައްޔިތުން މިހާރު ފެންނަނީ ވަރަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ އޭނާގެ މެންބަރުކަމުގެ 5 އަހަރުގެ ދައުރު ނިމޭ އިރު، އަލުން އަނބުރާ އެމްޑީޕީ ވެރިކަމަށް ގެނެސް ހއ.ބާރަށް ތަރައްގީ ކުރުމަށް އެމްޑީޕީ ސަރުކާރުން ރާވާފައިވާ ޔޮޓް މެރީނާ އާއި، ގެސްޓް ހައުސް ޕްރޮގްރާމް ފައްޓަވައިދެއްވާނޭ ކަމަށެވެ.

” އެމްޑީޕީ ސަރުކާރުން ބާރަށުގައި ހިންގަން ހަމަޖައްސާފައި އޮތީ ވަރަށް ބޮޑު މަޝްރޫއެއް. އެއީ 25 ގެ އެޅުން. އެއީ 25 ގެސްޓް ހައުސް. އެ މަޝްރޫއުގެ ތެރެއިން ބާރަށު ނަރުދަމާ ގާއިމްކޮށް، ޔޮޓްމެރީނާއެއް ހަދައި، ފާލަމެއް އެޅުމަށް އޮތީ ހަމަޖެހިފައި.” ޝިފާޒް ވިދާޅުވިއެވެ.