ވައުދުގެ ދަތުރުގައި ނެއްލައިދޫ އާއި ނާވައިދޫއަށް މިއަދު ރައީސް ނަޝީދު ވަޑައިގެންފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހދ.ނެއްލައިދޫ އާއި، ނާވައިދޫއަށް މިއަދު ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ހދ.ނެއްލައިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ނެއްލައިދޫ އަކީ މިރަށުގެ ގޮނޑުދޮށާ ހަމައިން ހުއްޓޭ ރަށެއް ނޫން”، ކަމަށާއި އެރަށުގެ ތަރައްގީ ގުޅިފައިވަނީ އެ ސަރަހައްދުގެ ހުރިހާ ރަށަކާ ކަމަށް ވިދާޅުވިއެވެ. އަދި ގައުމަށްޓަކައި ކަންތައް ކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅުން ވަކިވަކި ރަށްރަށް ތަރައްގީކުރުމުގެ ވާހަކަ ނުދައްކަވާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން އަބަދުވެސް މިދައްކަނީ ތަރައްގީގެ ވާހަކަ ކަމަށާއި، ރާއްޖެ ތަރައްގީ ކުރުން ނޫން އެހެން ފިކުރެއް އެމްޑީޕީގެ ނެތް ކަމަށް ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު ނާވައިދޫއަށް ވަޑައިގެން ވެސް ރައީސް ނަޝީދު ވަނީ ހަމަ މިމޭރުމުން ވާހަކަފުޅުދައްކަވާފައެވެ. އެ ގޮތުން އެމްޑީޕީން މަސައްކަތްކުރަނީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށާއި، ދިގު 30 އަހަރާއި ނުބައްދަލު ތަރައްގީގެ މަސައްކަތް އެންމެ 3 އަހަރުގެ ތެރޭގައި ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމަށްޓަކާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމަށްޓަކާ އަކީ ލައިގެންކާ އެއްޗެއް ނޫން ކަމަށާއި، އެއިން ބަނޑެއް ނުފުރޭނޭ ކަމަށް ވިދާޅުވެފައެވެ.

” ގައުމަށްޓަކާ އަކީ ލައިގެން ކާ އެއްޗެއް ނޫން. އެއަކުން ބަނޑެއް ނުފުރޭނެ. ބަނޑުފުރޭނީ އާމްދަނީ އިތުރުކުރެވިގެން. އެއީ ބޭރު ދުނިޔެއާ ގުޅިގެން” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެ 2 ރަށުގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުން ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދިޔައެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން ރޭ ހޭދަކުރީ ހދ.ކުރިނބީ ގައެވެ. އެރަށުގައި އެމްޑީޕީން ވަނީ ކޮމިއުނިޓީ މީޓިންގ ބާއްވާފައެވެ. އަދި ރޭ އެރަށު އެމްޑީޕީން ސަޕޯޓަރުންގެ ފަރާތުން ވައުދުގެ ދަތުރުގެ ބައިވެރިންނަށް ކެއުމެއް ދިނެވެ. ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ރޭގެ ބައްދަލުވުމުގައި ވަނީ އެ ރަށުގެ ތަރައްގީއާ، ރަށަށް ދިމާވެފަިއވާ ދަތިތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.