ވައުދުގެ ދަތުރުގެ ބައިވެރިން ފިނޭ އާއި ހިރިމަރަދޫއަށް ޒިޔާރަތްކޮށްފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހދ.ފިނޭ އާއި، ހިރިމަރަދޫއަށް މިއަދު ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ހދ.ފިނޭ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯގައި ކުރާން ނިންމި ކަންކަން ހާސިލްވެފައިވާ މިންވަރާ މެދު ރަށުގެ ރައްޔިތުންނާ ރައީސް ނަޝީދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެރަށުގައި އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ދިޔައެވެ.

އަރާ ފޭބުމުގައި އިންތިހާއަށް ދަތި ހިރިމަރަދޫއަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި ރައީސް ނަޝީދު ވަނީ އެރަށުގެ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގާ މުހިންމު ކަންތައްތަކާއި އެރަށުގެ ތަރައްގީއާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ވައުދުގެ ދަތުރުގެ ބައިވެރިން ފިނޭ އެކޭ އެއް ފަދައިން މިއަދު މެންދުރު ހިރިމަރަދޫގައި ވެސް ޕޮލިސީ ފޯކަސްޑް ގްރޫޕްގެ މަޝްވަރާ ބައްދަލުވުމާއި، ދޮރުންދޮރަށް ހިނގުން ކުރިއަށް ގެންދިޔައެވެ.