ރާއްޖެއިން ކޮރަޕްޝަން ފޮހެލާނަން – ޗެއަރޕާސަން މާރިޔާ

6 ޖުލައި 2010

mari-hep-450-x-338

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ރާއްޖެއިން މުޅިން ފޮހެލެވެންދެން ކޮރަޕްޝަނާއި ދެކޮޅަށް އެމްޑީޕީ އިން މިހާރު ފަށައިގެން ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ގެންދަވައި ރާއްޖެއިން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެކުގައި ފޮހެލައްވާނެކަށް އެމްޑީޕީގެ ޗެއަރޕަރސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިން ކުރީރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ، މުޅި ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިއޮތް ވަބާއިން ރާއްޖެ ޠާހިރުކުރުމަށް އެމް.ޑީ.ޕީއިން ނިކުންނާނެ ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމަށެވެ.

ކުރީރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކޮރަޕްޝަންގެ ވަބާ ފިލުވާނުލެވެނީސް ދެން ރައްޔިތުން ފަހަތަށް ނުޖެހޭނެކަމަށެވެ.
ޑރ އިބްރާހީމް ދީދީ، މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހުގެ މައްޗަށް ބައްލަވާލައްވާ، ރައްޔިތުންނަށް ލިބެންހުރި ފައިދާތަކާއި އިނާޔަތްތައް ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުރަން އުޅޭ މަސައްކަތްތައް ހުއްޓުވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ، ކޮންމެފަދަ ހާލަތެއްގައިވެސް ޤައުމު ގޮވައިގެން ކުރިޔަށް ވަޑައިގެންނަވާނެ ހިތްވަރު ހުރި ބޭފުޅެއް ކަމަށާއި، ރައީސް ނަޝީދު އެގޮތައް މަސައްކަތްކުރައްވަން ދެނެވަޑައި ގަންނަވާކަމުގައި ސ. ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަޙުމީ ވިދާޅުވިއެވެ. އަދި އެމް.ޑީ.ޕީއަށް ނުވިކަމެށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނުވިކަމެއް، އެހެން އެއްވެސް ޕާޓީއަކަށްވެސް އަދި އެޕާޓީގެ އެއްވެސް ފަރާތަކަށްވެސް ނުކުރެވޭނެކަމަށް އަލްހާން ވިދާޅުވިއެވެ. ޤައުމަށް ޚިޔާނަތްތެރިވެފައިވާ ފަރާތްތަކުގެ ވާހަކަފުޅަށް އަލި އަޅުއްވާލައްވަމުން އަލްހާން ވިދާޅުވީ، ޤައުމަށް ޚިޔާނަތްރިވެފައިވާ ފަރާތްތަކުގެ ޚިޔާނާތް އެފަރާތްތަކަށް ނުފޮރުވޭނެކަމަށާއި އެއީ ސިއްރުކުރޭވެނެ ކަމެއްވެސް ނޫންކަމަށެވެ.

އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ، ރާއްޖެ މިއޮތީ އިރާދަކުރެއްވިއްޔާ އަމާން ބަނދަރަކަށް ދިއުމުގެ މަގުމަތީގަކަމަށާއި، ނާމާންކަން މިހާރު މިދަނީ ޤައުމުން ފޮހެވެމުން ކަމަށެވެ. އަދި ޤައުމަށް މިހާރުކުރިމަތިވަމުންދާ ކަންތައްތަކަށް ބަލަހައިޓައިގެން އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން މަޑުން ނުތިއްބަވާނެކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން އެމް.ޑީ.ޕީގެ ބައެއް އާއްމު މެންބަރުންވެސް ވާހަކަދެއްކެވިއެވެ.