ރައީސުލްޖުމްހޫރިއްޔާ އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފި

6 ޖުލައި 2010

hep-us-embessedor

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ އެމްބަސީގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ މިނިވަންދުވަސް ރާއްޖޭގައި ފާހަގަކުރެވުމަކީ، ރާއްޖެއާއި އެމެރިކާއާ ދެމެދުގައިވާ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ކުރިމަތިވެފައިވާ މައްސަލައާ ބެހޭގޮތުންނާއި މި މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ ބެހޭގޮތުންވެސް ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

މިޒް ބުޓެނިސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ޅަ ޑިމޮކްރަސީއެއް އޮތް ޤައުމަކަށްވުމާއެކު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި، ޙިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު މިގޮންޖެހުންތަކުން ރާއްޖެއަށް އަރައިގަނެވޭނެ ކަމަށް އުންމީދުކުރެއްވޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.