އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

6 ޖުލައި 2010

hep-algeria

އަލްޖީރިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުޙަންމަދު ޙަސަނުލް ޝަރިފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިއްޔެ އަރުއްވައިފިއެވެ.

އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އަލްޖީރިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އަލްޖީރިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، އިޤްތިޞާދާއި ވިޔަފާރީގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.