ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2010″ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

6 ޖުލައި 2010

hep-nasheed-us

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން އިންތިޒާމް ކުރައްވައިގެން ބާއްވަވާ “ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2010″، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ހުޅުއްވައިދެއްވަފިއެވެ.

މި އެގްޒިބިޝަން ހުޅުއްވައިދެއްވުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އިންޑަސްޓްރީ ކަމުގައި ވިދާޅުވިއެވެ. މި އިންޑަސްޓްރީ ކާމިޔާބުކަމާއެކު ތަރައްޤީވެ، މި އިންޑަސްޓްރީގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ބޮޑު ފައިދާއެއް ލިބެމުން ގޮސްފައިވަނީ، ސަރުކާރުން މި އިންޑަސްޓްރީގައި ބައިވެރިވަމުން ގޮސްފައިނުވާތީ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓޫއަރިޒަމް ދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި، ތަރައްޤީ ޙާޞިލް ކުރުމަށްޓަކައި، މެދުފަންތީގެ މީހުންނަށް އަމާޒުކޮށްގެން ޓޫރިޒަމް ފުޅާކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މެދުފަންތީގެ ޓޫރިޒަމް ފުޅާ ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީގެ ތަރައްޤީއާ ގުޅިފައިވާ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ޓޫއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި ފެންވަރު ރަނގަޅު އެއަރޕޯޓެއްގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުން ޙަވާލުކުރައްވާފައިވާ ފަރާތުން، އެއަރޕޯޓް ތަރައްޤީކޮށް ކުރިއަށް އޮތް ތިން އަހަރުތެރޭގައި ނިމޭއިރު، އެ އެއަރޕޯޓަކީ މި ސަރަޙައްދާއި ބައިނަލްއަޤްވާމީ އެންމެ މަތީ ފެންވަރުގައި ފާހަގަކުރެވޭ އެއަރޕޯޓަކަށް ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށްޓަކައި ސަރުކާރުން އައި.އެމް.އެފް.އާއެކު ހިންގަވަމުން ގެންދަވާ ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށާއި، ސަރުކާރުން ހިންގަވާ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްވެސް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމުގެ އިޤްތިޞާދު ހަމަކައަކަށް އެޅެމުން އަންނަ ކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމުގައި ވިދާޅުވެ، ވޭތުވެދިޔަ ދުވަސްތަކުގައި ބަޖެޓް ޑެފިސިޓް ދަށަށް ގޮސް، ފޮރިން އެކްސްޗޭންޖްގެ ރިޒަރވް އިތުރު ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ ޓޫރިޒަމް އިންޑަސްޓްރީއާއި، އެ އިންޑަސްޓްރީއާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ އެންމެ ގިނަ އަދަދެއްގެ ފަރާތްތައް ބައިވެރިވާ އެންމެ ބޮޑު މަޢުރަޒެވެ. މިފަހަރުގެ އެގްޒިބިޝަންގައި ޓޫރިޒަމް އިންޑަސްޓްރީއާއި، އެ އިންޑަސްޓްރީއާ ގުޅުންހުރި ދާއިރާތަކުން ގާތްގަނޑަކަށް 300 ފަރާތުން ބައިވެރިވެއެވެ. މިއީ ހޮޓެލް އޭޝިޔާ އެގްޒިބިޝަން ބޭއްވޭ 6 ވަނަ ފަހަރެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.