އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެންބަރަކު ރިޝްވަތު ހިއްޕަވާފާނޭ ކަމަށް ޤަބޫލެއް ނުކުރެވޭ – ނޮޅިވަރަމް ދާއިރާގެ މެންބަރު

5 ޖުލައި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ރަޢީސް ވެސް އަދި އެ ގްރޫޕްގެ އެއްވެސް މެންބަރަކު ވެސް ރިޝްވަތު ހިއްޕަވާނޭ ކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު އެޕާޓީގެ މައި އޮފީހުގެ ކޮންފަރެންސް ރޫމް ގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް، މޫސާ މަނިކު ރިޝްވަތު ދެއްވި ކަމަށް އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު އަމިއްލަފުޅަށް އިޢުތިރާފް ވެވަޑައިގެންފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށް ވިދާޅުވެ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ މިހާތަނަށް މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވޯޓުދެއްވަމުން ގެންދެވި ގޮތް، މިކަމުގެ ހެއްކަކަށް ފުދޭ ކަމުގައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ ފިކުރާ ދެކޮޅަށް ހަމަ އެކަނި ވޯޓުދެއްވާފައިވަނީ އެގްރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ކަމަށާއި، އެބޭފުޅާއަށް އެގޮތަށް ވޯޓުދެއްވުނީ މަޖިލިސް މެންބަރުންނަށް ބޭއްވި އޮރިއެންޓޭޝަން ބޭއްވި އިރު، އޭނާ މަޖިލިސް މެންބަރެއްގެ ގޮތުގައި ނޫޅުއްވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ނޫސް ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތުގައި މިހާރު ތަޙްޤީޤަށް ބަންދުކޮށްފައިވާ ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ސަން އެފް އެމް ގައި ހުރިހާ ވެސް މައްސަލައަކީ އެމްޑީޕީގެ މެނިފެސްޓޯކަމަށް ވިދާޅުވި ނަމަވެސް، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންގެ އަޑު އެހުމަށާއި، އެމްޑީޕީގެ މެނިފެސްޓޯ ދެމެހެއްޓުމަށް ކަމަށެވެ.