4 ޖުލައި 2010
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަތިކުރުމަށް ތަފާތު އެކި ބިލުތައް ފާސްކުރުމަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކުރެވޭ ގޮތަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަވާފައިވާ ވާހަކަތައް ކަމަށް ބެލެވޭ ފޯނު ކޯލު ތަކެއްގެ އޯޑިއޯ ކްލިޕް ލީކް ވެއްޖެއެވެ.
މިއަދު ލީކުވި މި އޯޑިއޯ ކްލިޕްތަކުގައި މިހާރުވެސް ކޮރަޕްޝަނުގެ މައްސަލަ އެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދައްކަވާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަނާއި ގުޅުންހުރި ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް އާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުގެ ވާހަކަތައް ކަމަށް ބެލެވޭ ވާހަކަތައްވެސް ހިމެނެއެވެ.
ޤާސިމް އާއި ނަޝީދު ދެއްކެވި ކަމަށް ބެލެވޭ ވާހަކައިގައި ނަޝީދު “އައި ނީޑް ސަމް ކޭޝް” އޭ ވިދާޅުވެ ޤާސިމްގެ އަރިހުން ފައިސާގެ އެހީއަކަށް އެދި ލައްވާފައިވެއެވެ. އަދި ސިއްރިޔާތުގައި އެފައިސާ އާ ހަވާލުވާނޭ ގޮތަކާމެދު ދެބޭފުޅުން މަޝްވަރާކޮށްފައިވެއެވެ.
ނާޒިމް އާއި ޔާމީނުގެ ވާހަކަފުޅުގައި ޤާސިމް ކާކުކަން ނޭނގޭ ރޯޒް ކިޔާ މީހަކު ޕެރަޑައިސް އައިލެންޑް ރިސޯޓަށް ގެންދަވައި އެމީހަކަށް އެއް ލައްކަ ރުފިޔާ ދެއްވިކަމަށް ވިދާޅުވެ ނާޒިމް ދައްކަވާފައިވާ ވާހަކަ ހިމެނެއެވެ.
މިއީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރާއި އެމްޑީޕީން ފަށާފައިވާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފައެވެ. އަދި އެމްޑީޕީން ވަނީ މި މައްސަލަތައް ތަޙްޤީޤް ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަތުމަށް ރާއްޖޭގެ އަދުލު އިންސާފް ޤާއިމް ކުރުމުގެ ދާއިރާ އަށް ގޮވާލާފައެވެ.