ރައްޔިތުންގެ މަޖިލިސް އުވާލައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ބަޣާވާތުގެ ސަރުކާރުން މަސައްކަތްކުރޭ: އަލީ ވަހީދު

ލިޔެ އަޕްޑޭޓްކުރީ

ބަޣާވާތުގެ ސަރުކާރުން ވަރަށް ނުރައްކާތެރި ދެ ކަމެއް ކުރުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލިސް އުވާލުމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް މަސައްކަތްކުރުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސްކޮންފަރެންސެއްގައި އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އުވާލުމަކީ ފަސޭހައިން ކުރެވޭނޭ ކަމެއް ނޫން ނަމަވެސް އިސްލާމްދީނާ ޚިލާފޭ ކިޔައިގެން ނަމަވެސް އެ މަޖިލިސް އުވާލެވޭތޯ ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ދިފާއީ ވަޒީރު ކަމާއި ދާޚިލީ ވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެން ތިއްބެވި ދެ ބޭފުޅުންގެ ސިޔާސަތުތަކާ މެދު ގިނަ ބަޔަކު ކަންބޮޑުވާ ކަމަށެވެ. އަދި އަވައްޓެރި ގައުމަކާ ހަނގުރާމަ އިއުލާންކުރާ ހިސާބަށް އެ ދެ ބޭފުޅުންގެ ކަންތައް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން މިއަދު މަޖިލީހުގައި ނެގި ވޯޓުން އެމްޑީޕީ ހޯދި ކާމިޔާބަށް ބަލާއިރު މަޖިލީހުން ސަރުކާރާ މެދު ދެކޭ ގޮތް ވަރަށް ރަގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ރައީސް ކަމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ.ވަހީދު ހަސަން މަނިކު އެމަގާމުން ދުރުކުރުމަށް ދެން ބޭނުން ވަނީ އެންމެ 12 ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިހް (އިބޫ) ވިދާޅުވީ ވޯޓު ސިއްރުކުރުމަކީ އެންމެ ރަގަޅު ގޮތް ކަމުގައި ނުވެދާނޭ ކަމަށާއި، އެހެން ނަމަވެސް ވޯޓުދޭ ގޮތަކުން މެންބަރުންނަށް އެދިމާވާ ބިރުވެރިކަމާއި، ހާސްކަމަށްޓަކައި މި ވަގުތާ ހާލަތަށް ބަލާއިރު ވޯޓު ސިއްރުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

މީގެ އިތުރުން ވެސް އިބޫ ވިދާޅުވީ ދައުލަތުގެ ބަޖެޓް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމާއި މުޅި އިގްތިސާދު ހަލާކުކޮށްލުމަށް ކަމަށާއި، ބެޑް ޓެކްސް ތައާރަފްކުރަން މަސައްކަތްކުރާއިރު ޖީއެސްޓީ ވެސް 15 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ވަކިވަކި މެންބަރުންނާ ބައްދަލުކުރުމުން މަޖިލީހުގެ ގިނަ މެންބަރުން މި ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވާ ކަމަށާއި، އެހެން ނަމަވެސް އެކަން ފާޅުކުރަން ގިނަ މެންބަރުން ޖެހިލުންވެވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވިއެވެ. އެހެން ކަމުން މަޖިލިސް ރިސެސް އަށް ނުގޮސް މި ސަރުކާރު ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސަށް ފަހު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުއްލި ބައްދަލުވުމަކަށް ފަހު، މަޖިލިސް މެންބަރުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރާނޭ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިންޑިއަން ހައިކޮމިޝަނަށް ގޮސްފައެވެ.