ޖީއެމްއާރް ކޮންޓްރެކްޓް އުވާލުމާ ދެކޮޅަށް އެމްޑީޕީ ދެކުނު ޕްރޮވިންސް އޮފީހުން ނެރޭ ބަޔާން

އަޕްޑޭޓްކުރީ: ރާމިޒް

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ފޮރިން އިންވެސްޓްމެންޓްކަމުގައިވާ އިބްރާހިމް ނާޞިރު އިންޓަރނެޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ޖީ.އެމް.އާރ ކުންފުންޏާ ދެމެދު ވެވިފައިވާ އެއްބްސްވުން ދުސްތޫރީ ހަމަތަކާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ޢާއްމު އުޞޫލްތަކާއި ޚިލާފަށް މިހާރު ދިވެހިރާއްޖޭގައި އުފައްދާފައި މިވާ ސަރުކާރުން ބާތިލްކުރި ކުރުން ނިހާޔަތަށް ކުށްވެރިކުރަމެވެ.

އެހެނީ، އެއަރޕޯރޓު ތަރައްޤީކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ފަރާތުން މިހާތަނަށް ކުރެވުނު އެންމެ ބޮޑު ވިޔަފާރީގެ މުޢާމަލާތްކަމުންނާއި، މިކަމާއި ބެހޭ ބީލަން ތައްޔާރުކޮށް މިމަޝްރޫޢުގެ ހުރިހާ މަރްޙަލާއެއް އެކަށައެޅުމުގައި ޢިތުބާރުހުރި ނަޒާހަތްތެރި ބައިނަލްއަޤްވާމީ މުއައްސަސާތައްކަމުގައިވާ އައި.އެފް.ސީ އާއި ވޯރލްޑް ބޭންކްގެ ފުރިހަމަ ބައިވެރިވުމާއި ރެކޮމޮންޑޭޝަނާއެކު ހަވާލުކުރެވުނު މިފަދަ މަޝްރޫޢެއް، ވިޔާފާރީގެ އުޞޫލާއި ޤާނޫނީ ހަމަތަކުގެ ބޭރުން ދިވެހި ސަރުކާރުން އުވާލި އުވާލުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ވިޔަފާރީގެ ސިނާޢަތަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ކުރިމަތިވާނެ ކަމެކެވެ. ސިޔާސީ ފައިދާތަކާއި ތިމާމެންގެ އާރާއި ބާރު ދެއްކުމުގެގޮތުން ބޭރުގެ އިންވެސްޓްމެންޓްތަކަށް ގޯނާކޮށް، ހިތުހުރިގޮތަކަށް އެފަދަ އިންވެސްޓްމެންޓްތަކާއި ކުޅުމަކީ އަޅުގަނޑުމެން ކަހަލަ ނާޒުކު އިޤްތިޞާދެއް އޮންނަ ވަކީން ޚާއްސަކޮށް އަމިއްލަ އުފެއްދުންތެރިކަން ކުޑަ ބޭރުގެ އުފެއްދުމާއި އިޤްތިޞާދުތަކަށް ބަރޯސާވާންޖެހޭ ޤައުމަކަށް ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ގެއްލުމެއް ވާނޭ ނިންމުމެކެވެ.

ހަމައެހެންމެ، އަޅުގަނޑުމެންގެ ޤައުމުގެ އެންމެބޮޑު އެންމެ އެކުވެރިޔާ، އެންމެބޮޑު އަވަށްޓެރިޔާ އިންޑިޔާގެ ކަންބޮޑުވުންތަކެއް ހުއްޓާ ޤާނޫނީ އިޖުރާއަތުތަކަށް ތަބާވުމެއް ނެތި އަމިއްލަ އަމިއްލައިން މިފަދަ ބޮޑެތި މައްސަލަތައް ނިންމާލުމަކީ ތިމާމެންގެ ނާޤާބިލުކަމާއި ސިޔާސީ ގޮތުނާއި ޚާރިޖީގޮތުން ފޭލިވެފައިވާކަމުގެ ހެއްކެވެ. ވަކީން ޚާއްޞަކޮށް ދިވެހި ސަރުކާރާއި ސަރުކާރަށް ބައިޢަތުހިފާފައިވާ ފާރަތްތަކުން ފާޅުގައި ދައްކަމުންގެންދާ ވާހަކަތަކާއި ޢަމަލުކުރަމުންދާ އުޞޫލަށް ނަޒަރު ހިންގާލާއިރު ހަރުކަށިކަމާއި، ގޮތްދޫނުކުރުމުގެ އިތުރުން މިރާއްޖޭގެ ސަލާމަތާއި ސުލްޙަ މަސަލަސްކަމަށް ކިތަންމެގޮތަކުން އަސަރުކުރަމުންދާކަން ވެސް މިފުރުޞަތުގައި ފާހަގަ ކުރަމެވެ. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ސަރަޙައްދުގައި އަޅުގަނޑުމެން ބާކީވެ، ހަރުކަށިކަމާއި ހައްދުފަހަނަޅާފައިވާ ވިސްނުމާއި، ދީނާއި ސިޔާދަތާއި އަމިއްލަވަންތަކަމުގެ ނަމުގައި އަޅުގަނޑުމެންގެ ކުރާ ކޮންމެ ކަމެއް ކުރާ ޤައުމަކަށް އަޅުގަނޑުމެން ބަދަލުވެގެން ހިނގައިދާނެކަމުގެ ބިރުވެސް ވަރަށް ބޮޑު ވެއްޖެއެވެ.

އެއަރޕޓުގެ ތަރައްޤީކުރުމުގެ އެއްބަސްވުން އުވާލުމުގެ ސަބަބުން ރާއްޖޭގެ އެތެރާއި ބޭރުގައި އުފެދިފައިވާ ނުތަނަވަސްކަމަކަމަކީ މިއިން ޒަމާނަކުވެސް ދިވެހި ރައްޔިތަކު ނުސިހޭފަދަ ނުތަނަވަސްކަމެކެވެ. ދިވެހިރާއްޖޭގެ ނަމަށާއި އަބުރަށް ލިބިގެންދިޔަ އިއާދަނުކުރެވޭ ގެއްލުމެކެވެ. ބޭރުގެ އިންވެސްޓްމެންޓްތަކާއި ކާރިޖީގުޅުންތަކަށް ލިބިގެންދިޔަ މަރުގެ އިންޒާރެކެވެ.

ވުމާއެކު، ދިވެހި ސަރުކާރަށާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން މިގޮވާލަނީ ޤާނޫނީ އިމުގެތެރެއިން ނޫންގޮތަކަށް އިންވެސްޓްމެންޓްތަކާއި ދޭތެރޭ ފިޔަވަޅު ނޭޅުމަށާއި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުން އިއާދަކޮށް ދިވެހި ޤައުމުގެ ކުރިއެރުމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި، އިންވެސްޓަރުންގެ އިތުބާރާއި ޚާރިޖީ އިތުބާރު އަލުން ހޯދުމަށެވެ. ވަކީން ޚާއްސަކޮށް އިންޑިޔާ ސަރުކާރާއި އިންޑިޔާއަށް ނިޞްބަތްވާ ފަރާތްތަކާ ދޭތެރޭ ޢަމަލުކުރެވުނު ގޮތާއި މެދު މަޢާފަށް އެދުމެވެ.

ތާރީޚް: 03 ޑިސެމްބަރ 2012

ބަޔާން ނެރުނީ: މުޙައްމަދު މުސްޠަފާ އަޙުމަދު / ދެކުނު ޕްރޮވިންސްގެ ރައީސް
ފޯން: 7775135