އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ލިޔުނީ: ލުޝާން
އެޑިޓްކޮށް އަޕްޑޭޓްކުރީ: ރާމިޒް

ރައްޔިތުން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރުކުރަން ރައްޔިތުން މަޖިލީހުގެ ޤަވާޢިދަށް ބަދަލު ގެނައުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގްރޫޕްގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހުށަހެޅުއްވި އިސްލާހް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ނެގި މި ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން ފާސްކުރަމަށް ފެންނަކަމަށް 41 ޢިއްޒަތްތެރި މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 34 މެމްބަރެކެވެ.
މިއަދު ނެގި ވޯޓާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕަރސަން އަދި ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މި ޕާޓީން ކުރަމުން މި ގެންދާ މަސައްކަތަކީ، ރާއްޖޭއަށް ޑިމޮކްރެސީ ގެނެސް، ޤައުމުގެ ކަންތައް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އަދި މި ވެރިކަން މާ ގިނަ ދުވަހު ދެމި ނޯންނާނެ ކަމަށާއި، ރައީސްކަމުން ޑރ. ވަހީދު އަވަށް އިސްތިޢުފާދެއްވުމަށް ވެސް މޫސަ ގޮވާލެއްވިއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދު (ބަލަކް) ވިދާޅުވީ، މިއަދުގެ ވޯޓުން ފެނިގެން މިދިޔައީ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކެނޑިނޭޅި 9 މަސް ދުވަސް ވަންދެން ކުރަމުން ގެންދިޔަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓް ފާސްވުމަށް ބޭނުންވާ 52 ވޯޓް ހަމަކުރުމަށް ބާކީ ބޭނުން ވަނީ އެންމެ 11 ވޯޓް ކަމަށާއި، އިރާދަކުރެއްވިޔާ އެކަންތައް ވެސް ކާމިޔާބު ކުރައްވާނޭކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ ފަރާތުން ވަނީ ޤަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ ފަހަރު ވޯޓް ފާސްކުރުމަށް ފެންނަކަމަށް 34 މެމްބަރަކު ވޯޓްދެއްވި އިރު، ފާސް ކުރަން ނުފެންނަކަމަށް 39 މެމްބަރަކު ވަނީ ވޯޓުދެއްވާފަ އެވެ.