ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
ސ.ހިތަދޫ ރަތްފުސްގެ އަބުދުﷲ ޤާސިމް އިބުރާހިމް މަރުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބެލެވޭތީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެމްޑީޕީން އެ މައްސަލަ ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރުން ކަމަށްވާ އެ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ގެ އިތުރުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.
މި ތިން ބޭފުޅުން މިއަދު ހުށަހެޅުއްވި މައްސަލައިގައިވާ ގޮތުން 17 އޮގަސްޓް 2012ވަނަ ދުވަހު ހެނދުނު ސ.ހިތަދޫ ރަތްފުސްގެ އަބުދުﷲ ޤާސިމް އިބުރާހިމް، ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި ސައިކަލްގައި މަޑުކޮށްގެން ހުއްޓާ ސައިކަލްގައި ދުއްވާފައި ދިޔަ މީހެއްގެ ގައިގައި ފުލުހަކު މުގުރުން ޖެހުމުން އޭނާ ވިއްސައިގެންގޮސް އަބުދުﷲ ޤާސިމްގެ ސައިކަލުގައި ޖެހި، ވީ އެކުސިޑެންޓްގައި ލިބުނު ގެއްލުމަށް ފަރުވާ ދެމުންދަނިކޮށް 20 އޮގަސްޓް 2012ވީ ހޯމަ ދުވަހު ސްރީލަންކާގެ ނަވޯލޯކާ ޕްރައިވެޓް ހޮސްޕިޓަލްގައި އޭނާ ނިޔާވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިމައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ފުލުހުން އާއްމުކޮށްފައިވާ ނުވާ ކަމަށާއި، އަދި އާއިލާއަށް އެއްވެސް މައުލޫމާތެއް ދީފައިނުވާތީ، މިމަރުގެ ހަޤީޤަތް ވަނީ ސާފު ނުވެފައިވާ ކަމަށް މި ތިން މެންބަރުން ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ވީޑިއޯ ފޫޓޭޖަކުން މިކަން ހިނގައިދިޔުމުގައި ފުލުހުންގެ އިހުމާލުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ 3 ބޭފުޅުން ވިދާޅުވެފައިވެއެވެ.
“މި (ޢަބްދުﷲ ގާސިމްގެ މަރުގެ) މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ފުލުހުން އާއްމުކޮށްފައިވާ ނުވުމާއި އަދި އާއިލާއަށް އެއްވެސް މައުލޫމާތެއް ދީފައިނުވާތީ، މިމަރުގެ ހަޤީޤަތް ވަނީ ސާފު ނުވެފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ވީޑިއޯ ފޫޓޭޖަކުން މިކަން ހިނގައިދިޔުމުގައި ފުލުހުންގެ އިހުމާލުވާކަން ފާހަގަކުރެވެއެވެ. ވީމާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް މަޖިލީހުގެ ޤަވާއިދުގެ 102 ވަނަ މާއްދާގެ (ރ) އިން ލިބިދީފައިވާ ބާރުގެ ދަށުން މިމައްސަލަ ތަޙުޤީގުކޮށް ބަލައި ދިނުމަށް އެދި މިމައްސަލަ ހުށަހެޅީމެވެ.” އެމްޑީޕީގެ ސިޓީގައި ވެއެވެ.