އަޕްޑޭޓްކުރީ: ރާމިޒް
އެމްޑީޕީ އަންހެނުންގެ ރޫޙްގެ ނޫސް ބަޔާން
އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ދިވެހިސަރުކާރުން ޖީއެމްއާރަށް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވަނީ އެ އެއަރޕޯރޓް ތަރައްޤީކުރުމަށް ކަމަށްވާއިރު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ޤަވާޢިދާ ޚިލާފަށް މިހާރުގެ ސަރުކާރުން އުވާލާފައިވާތީ އެކަން ދިވެހި އަންހެނުންގެ މިޖަމާޢަތުން ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ.
އެއަރޕޯރޓް ހަލާކުވެ ބާލިދީ ބަހައްޓައިގެން ބޭނުންކުރަން ޖެހިފައިވާ މިޙާލަތުގައި އެއަރޕޯރޓް ތަރައްޤީކޮށް އެންމެ ޒަމާނީ ފެންވަރަށް ހެދުމަށް ޖީއެމްއާރުން ކުރީގެ ސަރުކާރާ ދެމެދު އެއްބަސްވެ އެގްރީމެންޓާ އެއްގޮތަށް އެއަރޕޯރޓް ހަދަމުންގޮސްފައިވުމާއި، ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް އެއަރޕޯރޓް ހިންގަމުން ދަނިކޮށް މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ޚިޔާނާތްތެރިވެ ޤައުމުގެ ވެރިކަން ވަގަށް ނެގުމަށް ފަހު ސަރުކާރުން ދިވެހި އެންމެހާ ރައްޔިތުންގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތަށް ހުއްޓުވައި ދިވެހިންގެ ވަޒީފާތަކާއި، އެތަނުގައި ވަޒީފާ އަދާކުރާ އިންޑިޔާގެ ރައްޔިތުން ގެ ވިސާހުއްޓުވައި މިފަދަ އެތަށް ހަޑިމުޑުދާރު ޢަމަލުތަކެއް ޤަވާޢިދާ ޚިލާފަށްކުރުމަށްފަހު ޖީއެމްއާރު ކިބައިން އެއާޕޯޓު ނަގަން ނިންމި ނިންމުން ހުއްޓުވުމާ ދެކޮޅަށް އެންމެހާ ފަރުދުން ވަނީ މިއަދު ނިކުންނަން ޖެހިފައެވެ.
މިހާރު ރާއްޖޭގައި އޮތް ސަރުކާރުން ހިންގަމުން މިގެންދާ ޖަރީމާ ތަކުގެ ސަބަބުން ދިވެހި ރާއްޖެއާއި އިންޑިޔާ އާ ދެމެދު އޮތް ޒަމާންވީ ދެޤައުމުގެ ގުޅުމަށް ބޮޑެތި ގެއްލުންތަށް އަންނަ ގޮތަކަށް އަދި ބޮޑު ހަމަނުޖެހުމެއް އަތުވެދާނެ ފަދަ އިހާނެތި ގޮތަކަށް ޖީއެމްއާރު ގެ ކިބައިން އެއަރޕޯރޓް އަތުލުމަކީ އެކަމުގެ ސަބަބުން އެތައް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޚާއްޞަކޮށް އިންޑިޔާ އަކީ ވަރަށް ގިނަ ޢަދަދެއްގެ ދިވެހި އެތަށް ޢާއިލާތަކެއް ދިރިއުޅޭ އަދި ބޭސްފަރުވާއަށާއި އެހެނިހެން އެތައް ޚިދުމަތްތަކެއް ދިވެހިރާއްޖޭގެ ރައްޔިތުން ލިބިގަންނަ ތަނަކަށް ވާއިރު މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އުފެދިދާނެ ހަމަ ނުޖެހުމެއްގެ ސަބަބުން ދިވެހިންނަށް ލިބިދާނެ ގެއްލުމަކަށް ޓަކައި މިކަން އަންހެނުންގެ ރޫޙުގެ ފަރާތުން ކަންބޮޑުވެ މިހާރުންމިހާރަށް މިކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގެ އަންހެނުންގެ ރޫޙުން ޤަބޫލުކުރަމެވެ. އެހެންކަމުން މިކަމުގައި އަންހެނުންގެ ރޫޙާ ބައިވެރިވެ ޖީއެމްއާރު އެއަރޕޯރޓް އަތުލުމާ ދެކޮޅަށް އިންޑިޔާގައި ދިރިއުޅޭ އެންމެހާ ދިވެހިރައްޔިތުންގެ އިތުރުން ހަމައާއި އިންސާފަށް ލޯބިކުރާ ހުރިހާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތަކުން ނުކުތުމަށް އަންހެނުންގެ ރޫޙުން ގޮވާލަ މެވެ.
ޝިޔާމާ އަޙްމަދު
އަންހެނުންގެ ރޫޙްގެ ރައީސާ