ފުލުހުންގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މީހަކު މަރުވެފައިވާތީ އެކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 138
ތާރީޚް: 3 ޑިސެމްބަރ 2012 (ހޯމަ)

ފުލުހުންގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މީހަކު މަރުވެފައިވާތީ އެކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރުން

ފުލުހުންގެ އަނިޔާވެރިކަމުގެ ސަބަބުން ކުރިމަތިވި އެކްސިޑެންޓްގައި މަރުވި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމްގެ މަރު، ފުލުހުންނާއި، މި ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ވަންހަނާކޮށްފައި އޮތް އޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ހަރުއަޑުން ކުށްވެރިކުރަމެވެ.

މި އެކްސިޑެންޓް ހިނގިކަމަށް ފުލުހުން ބުނެފައިވަނީ މީހެއްގެ އަތުން ފޯނެއް ފޭރިގަނެގެން ސައިކަލެއްގައި ދިޔަ މީހަކު މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް ޖަސްޓިސް ބިލްޑިންގ ކައިރިން ގާސިމްގެ ސައިކަލްގައި ޖެހިފައި ކަމަށެވެ. އެހެން ނަމަވެސް މަރުހޫމް ގާސިމްގެ މަރަށް ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، ދުއްވާފައި އަންނަ ސައިކަލެއްގައި އިން މީހަކަށް އެމީހާ މަރާލުމަށް ދިން ހަމަލައެއްކަން އިނގޭ ގޮތަށް މޫނު މައްޗަށް މުގުރުން ދިން ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުން އެތާ ކައިރީގައި ސައިކަލެއްގައި މަޑުކޮށްގެން އިން ގާސިމްގެ ސައިކަލުގައި ޖެހި އޭނާ ވިއްސައިގެން ގޮސް ވެއްޓޭ ތަނެވެ. އަދި މުގުރުން ޖެހި ފުލުސް މީހާ، އަބްދުﷲ ގާސިމަށް އެހީތެރިވުމުގެ ބަދަލުގައި ފުލުހުންގެ ވެހިކަލަކަށް އަރައިގެންދާތަން ވެސް މި ވީޑިއޯ އިން ފެނެއެވެ.

އަބްދުﷲ ގާސިމް މަރުވެފައިވަނީ ފުލުހުން ގަވައިދާ ޚިލާފަށް އަމަލުކޮށް އާންމު ރައްޔިތަކާ މެދު އަނިޔާވެރިވުމަށް ހިންގި އަމަލެއްގެ ސަބަބުންކަން މި ވީޑިއޯއިން ވަރަށް ރަގަޅަށް ހާމަވެފައިވާ ނަމަވެސް މިހާތަނަށް ވެސް ފުލުހުންނާއި، ސަރުކާރުން މި މަރު ވަންހަނާކޮށްފައިވުމާއި، އަދި މިހާތަނަށް އައި އިރު ވެސް މިކަން ފުލުހުން ތަހުގީގުކޮށްފައިނުވާ ކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އެހެން ކަމުން މިކަން ހަރުއަޑުން ކުށްވެރިކޮށް، މިމަރުގެ ފުރިހަމަ ޒިންމާ ޕޮލިސް ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ރިޔާޒް ނަގަންޖެހޭނޭ ކަމަށް މި ޕާޓީން ދެކެމެވެ.

ވީ ހިނދު މި މައްސަލަ މިހާރުން މިހާރަށް ތަހުގީގުކުރުމަށް ގޮވާލައި، މިކަމުގައި ޒިންމާވާ އެންމެހާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅައި، އެފަރާތްތައް ޒިންމާދާރުކުރުވުމަށް ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ

ސްޕޯކްސްޕާސަން
7777852