ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރިޔާސީ ކޮމިޝަނަށް އަލުން ބަދަލުގެންނަވައިފި

4 ޖުލައި 2010

2009 މެއި 16 ގައި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 16/2009 ޤަރާރުން އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގެންނެވި އަލްފާޟިލް ޢަލީ ޝިޔާމާއި، އަލްފާޟިލް އިދުހާމް މުޢިއްޒު ޢަދުނާނާއި، އަލްއުސްތާޛާ ޝަބާބު ރަޝީދު އިސްތިޢުފާ ދެއްވާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެކޮމިޝަނަށް ބަދަލުގެންނަވައި، އެކަމުގެ ޤަރާރު އަލުން އެކަށައަޅުއްވައިފިއެވެ.

ރިޔާސީ ކޮމިޝަނަށް ބަދަލުގެންނަވައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ނަންބަރު 6/2010 ޤަރާރުން ކޮމިޝަނުގައި ހިމެނުއްވާފައިވާ ބޭފުޅުންނަކީ، އަލްފާޟިލް ސަރަނގު އާދަމް މަނިކާއި، އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި، އަލްފާޟިލް މުޙަންމަދު އަސްވާނާއި، އަލްއުސްތާޛު ޢަބްދުﷲ ޙަސީނެވެ. މިކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ، އަލްފާޟިލް ސަރަނގު އާދަމް މަނިކާއި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ.