ޖީއެމްއާރު އެއްބަސްވުން އުވާލުމާއި އިންޑިޔާއާ ޒާތީގޮތުން ޖައްސާލައިގެން މިސަރުކާރުން ހިންގަމުންގެންދާ އަމަލުތައްކުށްވެރިކޮށް އެމްޑީޕީ މާމިގިލި ދާއިރާއިން ނެރޭ ނޫސް ބަޔާން

އަޕްޑޭޓްކުރީ: ރާމިޒް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބެލުމުގެދަށުން ވެފައިވާ އެއްބަސްވުމަކީ އުފެދުނު އިރުގައި ބާތިލް އެއްބަސްވުމެއްކަމުގައި ރައްޔިތުންގެ ރުހުމަކާނުލައި ރާއްޖޭގައި މިހާރު އުފައްދާފައިވާ ސަރުކާރުން ނިންމި ނިންމުމާއި، އަދި ރާއްޖެއަށް ނުހަނު އެހީތެރިކަން ފޯރުކޮށްދެމުންގެންދާ އަވަށްޓެރި އިންޑިޔާއާ ޒާތީގޮތުން ޖައްސާލައިގެން މިސަރުކާރުން ހިންގަމުންގެންދާ އަމަލުތައް އެމްޑީޕީ މާމިގިލި ދާއިރާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން ބޭއިންސާފުގޮތަކަށް ރޫޅާލުމުން ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ދިވެހި ރާއްޖެއާމެދު އިތުބާރުގެއްލި، ރާއްޖެއަށް ފޫނުބެއްދޭފަދަ ގެއްލުންތަކެއްކޮށް އެތަކެއް ނޭދެވޭ އަސަރު ދިގުމުއްދަކަށް ލިބެމުންދާނެކަމަށް މިދާއިރާއިން ޤަބޫލުކުރަމެވެ. މިގޮތުން، ދިވެހި ސަރުކާރުގެ މިނިންމުމަށް އިންޑިއާ ސަރުކާރުން ފާޑުކިޔައި، އެ ނިންމުމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކެއް ހުންނާނެކަމަށް އިންޑިއާއިން ގަބޫލުކުރާކަމަށް ބުނެފައިވާކަން ވެސް މި ދާއިރާއިން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ފަހަކަށްއައިސް މިސަރުކާރުގެ ބައެއްފަރާތްތަކުން އިންޑިޔާއަށާއި އެގައުމުގެ އިސްފަރާތްތަކަށް ތަފާތު އިންޒާރުތައްދީ، ބިރުދެއްކުމާއި މަލާމާތްކުރަމުންގެންދާ ގެންދިއުމަކީ އަޅުގަޑުމެންފަދަ ކުޑަކުޑަ އަދި ބޭރު ދުނިޔެއަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ގައުމަކުން، މިފަދަ ތަހުޒީބު ޒަމާނެއްގައި ހިންގައިގެން ނުވާނޭ ކަންތައްތަކެއްކަމުގައިވެސް ދެކެމެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މީޑިޔާގައި މިހާރު ދިވެހިރާއްޖެއަށް މަލާމާތް ރައްދުވަމުންދާކަންވެސް ހިތާމައާއެކު ފާހަގަކުރަމެވެ.

މިސަރުކާރުގެ މިއަމަލުތަކަކީ ހައްދުފަހަނައަޅާފައިވާ ޤައުމީ އަދި ދީނީ ފިކުރުގެ މަދުބަޔަކާއި އަމިއްލަ މަސްލަޙަތަށް އިސްކަންދޭ އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިބިބަޔަކު ގުޅިގެން ހިންގަމުންގެންދާ ވަރަށްވެސް ނާތަހުޒީބީ އަދި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ބޮޑުގެއްލުމެއް ލިބިގެންދާނެ ކަންތައްތަކެއްކަމުގައި މިދާއިރާއިންދެކެމެވެ. އެހެންކަމުން ޖީއެމްއާރް އަދި އިންޑިޔާއާއި ދެކޮޅަށް މިސަރުކާރުން ހިންގަމުން މިގެންދާ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް މިދާއިރާއިން ގޮވާލަމެވެ. އަދި މިޤައުމުގެ މުސްތަޤްބަލަށާއި ތަރައްޤީއަށްޓަކައި ޖީއެމްއާރާއި އެހެނިހެންވެސް ބޭރުގެ ފަރާތްތަކާއެކު ވެވިފައިވާ އެއްބަސްވުންތަކަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ ރިވެތި އުސޫލުތަކުގެތެރެއިން އަމަލުކުރަމުން ގެންދިއުމަށް ގޮވާލަމެވެ.

2 ޑިސެމްބަރު 2012

ބަޔާން ނެރުނީ: އިބްރާހީމް ރަޝީދު އަބޫބަކުރު
އެމްޑީޕީ މާމިގިލީ ދާއިރާގެ ރައީސް