މަތިދެކުނު ޕްރޮވިންސްގެ ގއ.ކޮލަމާފުށީގައި ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފި

4 ޖުލައި 2010

dsc09290

މަތިދެކުނު ޕްރޮވިންސްގެ ގއ.ކޮލަމާފުށީގައި ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، އެކި މުޥައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، އެމްޑީޕީގެ ގޮފިތައް ގުޅިގެން އެރަށުގައި ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފިއެވެ.
2 ޖުލައި 2010 ދުވަހުގެ ހަވީރު 4:30 ގައި ބޭއްވުނު މިހިނގާލުމަކީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް ފަރާތްތަކުން އެބޭފުޅުންގެ އަމިއްލަ މަސްލަޙަތު ހިމާޔަތްކުރެއްވުމަށް މަސައްކަތް ކުރައްވައި، ކޮރަޕްޝަންގެ ހާއްޔަކަށް މަޖިލިސް، ހައްދަވައި، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ރާވަމުން ދިއުމާ ގުޅިގެން، މިފަދަޢަމަލުތައް ކުށްވެރިކުރުމުގެ ގޮތުން ބޭއްވި ހިނގާލުމެއް ކަމަށް ކޮލަމާފުށިން ބުނެއެވެ. މިހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން މަޖުލީހުގައި ހިމެނޭ އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި މިފަދަ ޢަމަލުތައް ކުރަމުންދާ ފަރާތްތައް ހިފާ ހައްޔަރުކުރުމަށާއި،އެފަރާތްތަކާއި މެދުޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ. އަދި މާލިއްޔަތުގެޤާނޫނުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެންވާ އިނާޔަތްތަކަށް ހުރަސްއެޅޭތީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް ހިނގާލުމުގެ ބައިވެރިން ވަނީ ޝުޢޫރުފާޅުކޮށްފައެވެ.
މި ހިނގާލުމުގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ކޮލަމާފުށިން މަޢުލޫމާތު ދެއެވެ.
ކޮލަމާފުށީގައި އެމްޑީޕީގެ 6 ގޮފި ހަރަކާތްތެރި ވަމުން ދެއެވެ. އެއީ އަސްދަނޑި ގޮފި، ކައްތިރި ގޮފި، އަހަނެ ފޮއްޕާ، ބަނދަރު ގޮފި، މިނިވަން ގޮފި އަދި ކޮލަމާފުށީ އަންހެނުންގެ ގޮތްޕެވެ.،