އެއަރޕޯޓް ތަރައްގީކުރުމަށް ޖީއެމްއާރާ ހަވާލުކުރުމަކީ ރާއްޖޭގެ ތަރައްގީއަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމަށް ޖީއެމްއާރާ ހަވާލުކުރުމަކީ ރާއްޖޭގެ ތަރައްގީއަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެއަރޕޯޓު ތަރައްގީކުރުން ޖީއެމްއާރާއި ހަވާލުނުކޮށް، 600 މިލިއަން ޑޮލަރުގެ ލޯނު ނެގި ނަމަ ރާއްޖޭގެ މާލީ ހާލަތު މިހާރު އޮންނާނީ ދަރަނި އިންތިހާއަށް ބޮޑުވެ، ބޮއްސުންލައި، މާލީ ގޮތުން ވަރަށް ދެރަވަރު ހާލަތެއްގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި މިއަދު ހދ.ވައިކަރަދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލޯނު ނެގުމުގެ ބަދަލުގައި، އެއަރޕޯޓް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުމަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ނެގެން އޮންނާނީ ވެސް ވަކި މިންވަރަކަށް ކަމަށާއި، ދަރަންޏަށް ފައިސާ ނެގެން އޮތް މިންވަރު ހަމައެކަނި އެއަރޕޯޓް ތަރައްގީކުރުމަށް ޚަރަދުކުރުމުން ރާއްޖޭގެ ތަރައްގީގެ ދުވެލި މަޑުވެގެންދާނޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ބޭނުން ވަނީ ތާހިރު ދިރިއުޅުމެއް ލިބުން ކަމަށާއި، ދިވެހިރައްޔިތުންނަށް އެފަދަ ދިރިއުޅުމެއް ހޯދައިދިނުމަށް މާލިއްޔަތު “އަނބުރަންޖެހޭ” ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. އަދި އެއަރޕޯޓް ތަރައްގީ ކުރުން ފަދަ ބޮޑު މަޝްރޫއަކަށް ލޯނެއް ނަގައިފި ނަމަ ބަނދަރު ހެދުމާއި، ނަރުދަމާ ގާއިމްކުރުމާއި، ސާފުބޯފެން ފޯރުކޮށްދިނުން ފަދަ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ނުހުންނާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވައިކަރަދޫގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު އެރަށުން ލިބޭނޭ ގޮތް މަގުފަހިވެފައި ހުންނަން ޖެހޭނޭ ކަމަށާއި، އެމްޑީޕީގެ ސިޔާސަތެއްގެ ގޮތުގައި އެކަން ހަމަޖައްސައި، ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އެކަން ވެސް އަވަހަށް ކޮށްދެއްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ވަގްފުގެ އުސޫލުން ރަށްތައް ދޫކޮށްގެން ނަރުދަމާ ގާއިމްކުރުމާއި ތަރައްގީގެ އެހެނިހެން މަސައްކަތްތައް ވެސް ކުރިޔަށް ގެންދަވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.