ކެޔޮދޫ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާސިޔާ އަށް އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ވ. ކެޔޮދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާސިޔާ ހުސެއިން ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.

އާސިޔާ އަށް މަރުހަބާ ވިދާޅުވަމުން މޫސަ އެމްޑީޕީ ވެބްސައިޓަށް ވިދާޅުވީ ޑީއާރުޕީގެ ކައުންސިލެއް އޮންނަ ރަށެއްގައި، ޑީއާރުޕީގެ ބޮޑު ސަޕޯޓެއް އޮންނަ ކަމަށް ގިނަ ބަޔަކު ދެކޭ ރަށަކުން އެމްޑީޕީއަށް މިފަދަ ކާމިޔާބީއެއް ލިބިފައިވުމަކީ ސިޔާސީ ގޮތުން އެމްޑީޕީ އެ ދާއިރާތަކުގައި ވެސް ވަރަށް ބޮޑަށް ކުރިއެރުން ހޯދަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރު ކަމަށްވާ ރައްޔިތުންނަށް ތަރައްގީ ގެނައުމުގެ ފިކުރުގައި މަސައްކަތް ކުރައްވައި ކެޔޮދޫއަށް އިތުރު ތަރައްގީ ގެނެސްދެއްވައި، އެމްޑީޕީގެ ނަން އެރަށުގައި ދަމަހައްޓަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އާސިޔާގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މުޅިން ޑިއާރުޕީ މެންބަރުންގެ މައްޗަށް އެކުލެވޭ ކެޔޮދޫ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އިއްޔެ ބޭއްވި ބައި އިލެކްޝަން އާސިޔާ ހުސެއިން ކާމިޔާބު ކުރެއްވީ، ކެޔޮދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމަށްވާ ޑީއާރުޕީގެ ކެންޑިޑޭޓް އަހުމަދު ފަޔާޒްއާ ވާދަކުރައްވައިގެންނެވެ.

ކެޔޮދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލުމަށް 542 މީހަކު ޝަރުތު ހަމަވާއިރު އިއްޔެގެ އިންތިހާބުގައި ވޯޓު ލީ 480 މީހެކެވެ. އޭގެ ތެރެއިން މި ބައި އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ އާސިޔާ އަށް 223 ވޯޓު ލިބިވަޑައިގެންނެވިއެވެ.