ޖީއެމްއާރު ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއް ކަމުގައި ބަޣާވާތަކުން އުފައްދާފައިވާ އަދި އުފެދުމުގައި ވެސް ބާތިލް ސަރުކާރުން ބުނާކަމީ މާފަންނު ދެކުނު ދާއިރާއިން އެއްވެސް ހާލެއްގައި ގަބޫލު ކުރާ ކަމެއް ނޫން

އަޕްޑޭޓްކުރީ: ރާމިޒް

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ވެފައިވާ ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެއްދި، އަދި އުފެދުމުގައި ވެސް ބާތިލް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ބުނާކަމީ މާފަންނު ދެކުނު ދާއިރާއިން އެއްވެސް ހާލެއްގައި ގަބޫލު ކުރާ ކަމެއް ނޫނެވެ.

މިކޮންޓްރެކްޓް އަބިޓްރޭޝަންއާ ނުލައި ރޫޅާ ލައިފިނަމަ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް މާލީ އަދި އިގްތިޞާދީ ނުހަނު ގިނަ ގެއްލުންތަކެއް ލިބޭނޭ ކަމަށް ދާއިރާއިން ގަބޫލުކުރާ ހިނދު، ކޮންޓްރެކްޓުގެ އިމުގެ ތެރެއިން ބޭރުނުވެ، އެއަރޕޯޓް ހިންގުމުގައި ދެމިތިބުމަށާއި، ޣައިރު ގާނޫނީ ސަރުކާރުގެ އަމުރަށް ބޯނުލެނބުމަށެވެ.

އަދި ބަޣާވާތުގެ ސަރުކާރުން އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތި ކަމުގައި އަދި އަމިއްލަ މަސްލަޙަތައްޓަކައި ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ބޮޑެތިގެއްލުންތައް ދިނުމަށް ރާވަމުން ދާތަން ބަލަން ނުތިބެ މި ލޮބުވެތި ގައުމާއި، މި ގައުމުގެ މުސްތަޤްބަލަށްޓަކައި ބަޣާވާތުގެ ސަރުކާރާ ދެކޮޅަށް ތެދުވުމަށެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރަމުން އަންނަ އިންޑިޔާގެ އެންމެ ބޮޑު އެއްކުންފުންޏާ ދިވެހި ސަރުކާރުގެ ނަމުގައި ބަޔަކު ޣައިރު ގާނޫނީ މުޢާމަލާތްތަކެއް ކުރާކަމީ މުޅި މިޤައުމަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި މިދާރާއިން ދެކެމެވެ.


ބަޔާން ނެރުނީ: އަހުމަދު އާމިރު
އެމްޑީޕީ މާފަންނު ދެކުނު ދާއިރާގެ ނައިބް ރައީސް