ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީގެ ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި ރ.ހުޅުދުއްފާރު ކައިރީ ކަނޑުމަތީގައި ކޮންކޯރޑް އޮޑީގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ދެއްވި ޕްރެސް ކޮންފަރެންސް ގައި ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ސިޔާސީ ދާއިރާއިން އެންމެ ރަގަޅަށް ކުރިޔަށް ދެވޭނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ކަމަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށެވެ. އަދި ފުރަތަމަ ބުރުން އެމްޑީޕީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމުގެ ޔަގީންކަން އޮތް ކަމަށާއި، ކުރިޔަށް އޮތްތަނުގައި ހުރިހާ ވަގުތަކާއި މަސައްކަތެއް ހޭދަކުރައްވާނީ އެމްޑީޕީއަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސް ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުން ދަނީ ސަރުކާރު ބަދަލުކޮށް، އަވަސް އިންތިޚާބެއް ބޭއްވުމަށް ކަމަށާއި، އަދި ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީން އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށެވެ.
މިރޭގެ ޕްރެސް ކޮންފަރެންސް ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އުނގޫފާރު ދާއިރާއިން ހަގީގަތުގައި އެމްޑީޕީއަށް ލިބުނީ ކާމިޔާބީއެއް ކަމަށާއި، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް އުނގޫފާރުން ލިބިފައިވާ ވޯޓަށް ވުރެ އެތައް ގުނަ މިފަހަރުގެ ވޯޓު އިތުރުވެފައިވާ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވެސް މޫސަ ވަނީ ޝުކުރުއަދާކުރައްވާފައެވެ.