އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވަންޏާ އެއީ އެމްޑީޕީ ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި – ރައީސް ނަޝީދު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވާނަމަ، ގުޅިވަޑައިގަންނަވާނީ އެމްޑީޕީއާ ކަމަށް ޑރ. އަފްރާޝީމް އަލީ ވިދާޅުވި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރު ގައި އެމްޑީޕީން ރޭ ބޭއްވި ޑރ.އަޝްރަފްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަމަރުހޫމް ޑރ. އަފްރާޝީމް އަކީ އެމްޑީޕީން ގެންގުޅޭ މެދު މިނުގެ ދީނީ ޚިޔާލުގެ ބޭފުޅެއް ކަމަށާއި، އެމްޑީޕީ އަށް ވަދެވަޑައިގަތުމަށް ދައުވަތު ދެއްވުމުން އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާ ނަމަ އެ ޕާޓީ އަކީ އެމްޑީޕީ ކަމަށް އެމަނިކުފާނުގެ އަރިހުގައި ޑރ.އަފްރާޝީމް ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ޚަރަދު ފިއްކަނޑައިގެން ދާ މިންވަރަކަށް މައްޗަށް ގޮސް ރާއްޖެ މިހާރު ވެއްޓެމުން ދަނީ އަނދަވަޅަކަށް ކަމަށާއި، މިކަމަށް ދިވެހިން ހޭއަރަން ވެއްޖެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދިވެހީންގެ ޝަކުވާ އަކީ، ކަންބޮޑުވުމަކީ މި ދުވަސްތަކުގައި ރާއްޖެ ވެއްޓެމުން މިދާ އަނދަވަޅު ކަމަށާއި، އަޅުގަނޑުމެން މިދަނީ ކަނުބަނދެގެން ތިބެ އެ އަނދަވަޅާ ދިމާއަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން މިހާރު ސަރުކާރާ ހަވާލުވެގެން އުޅޭ ފަރާތްތަކަށް ނުކުރެވޭކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ޚަރަދު އުޅުނީ 22 ޕަސެންޓްގައި ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެ ނިސްބަތް ހަތް ޕަސެންޓްގެ މިންވަރަށް ކުޑަކުރެއްވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް “ބަޣާވާތަށް” ފަހު ދައުލަތުގެ ޚަރަދުތައް އަތް ނުފޯރާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވި ނަމަވެސް ރައްޔިތުންގެ ބޭނުންތައް މި ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ފުއްދަމުން ނުދާ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތުގެ އަގަކީ އުނގޫފާރުގެ 1،200 ފޫޓުގެ ބަނދަރުން 500ފޫޓު ކެނޑި 700 ފޫޓަށް ހެދުން ކަމަށެވެ. މީގެ އިތުރުން ވެސް ބަޣާވާތުގެ އަގަކީ ރައްޔިތުންގެ ހަލާކު ކަމަށާއި، މީގެ ކުރިން 7 ޑޮކްޓަރުން ތިއްބެވި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ތިއްބެވީ 2 ޑޮކްޓަރުން ކަމަށާއި، ހިލޭ ކުރެވުނު ބޭސް ފަރުވާ އަށް ޖީބުން ޚަރަދުކުރަންޖެހިފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހިއްވަރެއް ބައްޔެއް ނުވާނޭ ކަމަށާއި، ވަރުބައްޔެއް ވެސް ނުވާނޭ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ގެއަކަށް ވަދެވަޑައިގެންނަވާނޭ ކަމަށެވެ.

ރޭ އެމްޑީޕީން ވަނީ ރ. ހުޅުދުއްފާރުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް ޑރ.އަޝްރަފްގެ ކެމްޕެއިން ޖަލްސާ ބާއްވާފައެވެ. އުނގޫފާރާއި ހުޅުދުއްފާރުގައި ބޭއްވި ޖަލްސާ ގައި ވެސް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމުގައި ރެއާ ހަމައަށް ހުންނެވި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގެންނެވި އެވެ.