ޖީއެމްއާރު އެގްރީމެންޓް ބާތިލްކުރުން ނަޑެއްލާ އެމްޑީޕީ ގޮފިތަކުން ކުށްވެރިކުރުން

އަޕްޑޭޓްކުރީ: ރާމިޒް

އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން މުޒާހަރާތައް ކުރުމަށް ފަހު 07ފެބުރުއަރީ 2012ގައި މި ގައުމަށް ގެނައި ބަޢާވާތަށް ފަހު، ނިކަމެތި ރައްޔިތުނަށް ދެމުންދިޔަ އެތައް ހިދުމަތެއް ވެރިކަމުގައި މިހާރު ހުންނެވި މުހައްމަދު ވަހީދު ހަސަން މަނިކު ހުއްޓާލާފައި އޮތުމަކީ އެނާއަށް ދިވެހި ރައްޔިތުން ދުވަހަކުވެސް މާފް ނުކުރާނެ ކުށެކެވެ. ލިބެމުންދިޔަ ހިދުމަތްތައް ހުއްޓާލާ ރައްޔިތުން އެއް ދުވަހުން އަނެއް ދުވަހު ހާލުގައި ޖައްސަމުންގޮސް ދެން މި ފެނުނީ ރާއްޖޭގެ މިނިވަން ކަމާޢި އިސްތިޤުލާލު ސަލާމަތް ކުރުމުގައި ނުހަނު އެހީތެރި ވަމުންދާ އަވަށްޓެރި އިންޑިޔާގެ ޖީ.އެމް.އާރް ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދީފައިވާ މާލޭ އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް އެގްރީމެންޓް މި ސަރުކާރުން ބާތިލް ކުރި ތަނެވެ. އެއްވެސް ހަމަ އެއް ލަމައެއް، އަދި އުސޫލެއް ނެތި މި ސަރުކާރުން ކޮށްފައިވާ އެ ހަޑި މުޑުދާރު އަމަލު މި ގޮފީތަކުގެ ފަރާތުން ކުށްވެރިކުރަމެވެ.

އެ އެގްރީމެންޓް ބާތިލް ކުރުމަށް ޝަރުއީ ކޯޓަކަށް ދިއުމެއް ނުވަތަ އާބިޓްރޭޝަންގެ މަގު އިހްތިޔާރު ކުރުމެއްނެތި، ސިޔާސީ ބޭނުމަކަށް މިހާރު ސަރުކާރުން ނިންމާފައިވާ އެ ނިންމުމަކީ ތާކުން ތާކުން ނުޖެހޭ ނިންމުމެއް ކަމުގައި ދެކެމެވެ. 07 ދުވަހުގެ ތެރޭގައި އަދި ޖީއެމްރު ފައިބައިގެން ދިއުމަށް އަންގާފައިވާ އެންގުމަކީ ޤާނޫނީ ބުރަދަނެއް ހުރި އެންގުމަކަށް ނުވާތީ އެއަށް ތަބާ ނުވުމަށް މި ގޮފިތަކުގެ ފަރާތުން ޖީއެމްއާރު ކުންފުންޏަށް ގޮވާލަމެވެ. ޤައުމީ ވައިގެ ބަނދަރު ފެންވަރު ރަނަގަޅު ދުނިޔޭގައި ނަންހިގާ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ޖީ.އެމް.އާރުން ކުރަމުންދަނިކޮށް ދިވެހީންގެ ތެރެއިން އިސްލާމް ދީނުގެ ހަރުކަށި އުސޫލުތަށް ޤަބޫލް ކުރާ މަދު ބަޔަކު ދެއްކެވި ވާހަކަތަކަށް ހެއްލި ވަހީދު ނިންމި ނިންމުމަކީ ދިވެހި ގައުމަށް ލިބިދާނެ ގެއްލުމަށް ކުޑަކޮންވެސް ވިސްނާ މީހަކު ކުރާނެ ކަމެއް ނޫނެވެ. އިންޑިޔާ ކުންފުންޏަކުން މި ގައުމުގައި ވިޔަފާރި ކުރަމުންދަނިކޮށް އިރުއޮއްސެމުންދިޔަ ވަގުތު ކުއްލި އަކަށް ނިންމާލި ނިންމުމަކަށް ފަހު ޖީއެމްއާރު ފައިބައިގެން ދާށޭ ބުނުމުން އިންޑިޔާއިން އެ ގައުމުގެ ކުންފުންޏަށް އެގޮތައް ހަދާލި ބަޔަކާއިމެދު ހިތް ހެޔޮވެދާނެ ހެއްޔެ. އެގައުމުން ދެމުންދިޔަ މި އެހީ މި ގޮފިތަކުން ބަލައިގަންނަމެވެ. އަދި މި ގޮފިތަކުން ދެކެނީ ޤައުމީ ތަރައްޤީގެ ބޮނޑު މަޝްރޫއެއް ތަންފީޒު ކުރަމުންދާ ޖަމާއަތެއް އެއްވެސް ސަބަބަކާ ނުލާ ޤައުމުން ފަހާލުމަކީ މުސްތަޤުބަލުގައި މި ޤައުމުގެ ފޮރިން އިންވެސްޓަރުން އިންވެސްޓު ކުރުމުގައި ފަސްޖެހޭނެ ކަމެއް ކަމުގައެވެ. އަދި މި ފުރުސަތުގައި މިފަދަ ގޮތަކަށް އިސްލާމް ދީނުގެ ނިވަލުގައި ތިބެ ދީނާ ޙީލާފް މިފަދަ ޖަރީމާ ނުހިންގުމަށް އަދާލަތު ޕާޓީގެ ރަޢީސް ޝޭޙް އިމްރާން އަބްދުﷲ އަށާއި ޝޭޙް ޝަހީމް ފަދަ ބޭބޭ ފުޅުންނަށް މި ގޮފިތަކުގެ ފަރާތުން ގޮވާލަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ މި އުންމަތުގެ މުސްލިމުން އުޅުމަށް އަމުރު ކުރައްވައި ބާޥައި ލަވާފައިވާ އިލާޙީ ޤާނޫން ގައި ވަރަށް ސަރީޙަ އިބާރާތުން މި ކަމުގެ ހުކުމް ބަޔާން ކުރައްވާފައި ވެއެވެ. ތަޢުބާ ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވާ އާޔަތުގެ މާނާގައި ވެއެވެ.” މުޝްރިކުންގެ ތެރެއިން ބަޔަކާ ތިޔަބައިމީހުން މުވާޙަދާ ކޮށްފައިވާ، އަދި އެއުރެން އެ މުވާހަދާއާއި މެދު ތިޔަބައި މީހުންނަށް އެއްވެސް ކަމަކާ ޙިލާފް ވެފައި ނުވާ އަދި ތިޔަބައި މީހުންނާއި ދެކޮޅަށް އެއްވެސް މީހަކަށް އެހީވެ ވާޤި ދީފައި ނުވާ މީހުން މެނުވީ އެވެ. ފަހެ އެމީހުންނާއި އެކު ކޮށްފައިވާ މުވާހަދާ އެ މުވާގަދާގައި ގަނޑައެޅިގެންވާ މުއްދަތު ހަމަވާންދެން އުވާނުލާ އެއާޢި އެއްގޮތަށް ވާފަތްތެރި ކަމާއިއެކު އަމަލުކުރަމުން ގެންދާހުށިކަމެވެ.. ހަމަ ކަށަވަރުން ﷲ އެކަލާނގެ ހަޝުރަތަށް ބިރުވަތައި ވާޖިބް އަދާކުރުންމަތީ ދެމި ތިބޭ މީހުންދެކެ ލޯބިވެ ވޮޑިގެން ވެއެވެ.” އެހެން ކަމުން މިއާޔަތުން އެނގި ހާމަވާ ގޮތުގައި އިލާހީ ބަސްފުޅާއި ހިލާފަށް އިސްލާމް ދީނުގެ ނަމުގައި ދީނި ފޮށާ އަޅުއްވައިގެން އުޅުއްވާ ޝޭޙް އިމްރާން އަބްދުﷲ އަޢީ ޝޭޙް ޝަޙީމު މެން ފަދަ މީހުން ޖީ.އެމް.އާރ އާއި ދެކޮޅަށް ނިކުމެ މުޒާހަރާކޮށް ހިންގަވަމުން މިގެންދަވާ ޖަރީމާ ތަކަކީ އިސްލާމް ދީނާއި ދިވެހި ރާއްޖޭޖެ އަމަން އަމާން ކަމާއި ސުލްހަ މަސަލަސް ކަމާއި އިސްތިޤުލާލު ނެތި ކޮށްލާ އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުންގެ ކުރިމަތީގައި މި މާތް ދީނުގެ ހުރުމަތް ކަނޑާލުމެވެ.

ވީމާ، ޝޭޙުންގެ ސިފާގައި ނިކުމެ ރައްޔިތުންނާއި ޤައުމު ފަސާދަކޮށް ރާއްޖޭގެ އަމަން އަމާން ކަމާއި އިސްލާމީ ވަހުދަތު ނެތިކޮށްލައި މި ބިންމަތީގައިވާ އެއްމެ މާތް މުޤައްދަސް ދީނުގެ ހުރުމަތް ކަނޑާލަން މަސައްކަތް މިކުރާ ޝޭޙުންނާއި މެދު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ސަމާލުވެލައްވައި މި މީހުންގެ ކެހިވެރި ދަލުގައި ރައްޔިތުން ނުޖެހުމަށް ގޮވާލަމެވެ. އަދި މި މީހުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީންނާއި ކަމާއި ގުޅޭ އެހެނިހެން މުވައްސަސާތަކުން ބަލައި މި ޤައްދާރުންގެ ކިބައިން މި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ކަމާއި ބެހޭ އެއްމެހައި މުވައްސަސާތަކަށް މި ގޮފިތަކުގެ ފަރާތުން ގޮވާލަމެވެ.

މުޙައްމަދު އަބްދުﷲ ޙަމްދޫން ރަޝީދު
( ގދ. ނަޑެއްލާ އެމް.ޑީ.ޕީ ޒުވާނުންގެ ގޮފީގެ ރަޢީސް ) ( ގދ. ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢީސް )