ނޫސް ބަޔާން: ޖީއެމްއާރު އެގްރީމެންޓް ބާތިލްކުރުން އެމްޑީޕީ މަޑަވެލި ދާއިރާއިން ކުށްވެރިކުރުން

އަޕްޑޭޓްކުރީ: ރާމިޒް

ދީނީ ހައްދުފަހަނައަޅާފައިވާ ބަޔަކަށް ތަބާވެވަޑައިގެން މިސަރުކާރު ހިންގުމާއި ހަވާލުވެހުންނެވި ޑރ މުޙައްމަދު ވަހީދު ހަސަންމަނިކު އިންޑިއާގެ ޖީއެމްއާރާ އެކު އެމްޑީޕީ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމެވިނިންމެވުން އެންމެ މަތީދަރަޖައަށް މިދާއިރާއިން މިކުށްވެރި މިކުރަނީ ނުހަނު ހިތާމައާއި ކަންބޮޑުވުންތަކާއި އެކުގައެވެ.

ހައްދުފަހަނަޅާފައިވާ މަދު ބައެއްގެ ބަސް މިޤައުމުގައި ތަންފީޒުވުމަކީ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް އޭގެސަބަބުން ނުހަނުބޮޑު ގެއްލުނައް ލިބޭނެ، އަދި ރާއްޖެއަކީ ބޭރުދުނިޔެއަށް ބޮޑަށް ބަރޯސާވެފައިވާ ކުޑަ ޤައުމަކަށްވެފައި އޭގެ ސަބަބުން ނުހަނު ގެއްލުންތައް ލިބޭނެތީ އެކަމުގެ ކަންބޮޑުވުމާއި ބިރު މިދާއިރާއިން ފާޅުކުރަމެވެ.

ޒަމާނުންސުރެ އިންޑިޔާއިކީ ރާއްޖެއަށް ގިނަގުނަ އެހީތަކެއްވަމުން އަންނަ ޤައުމަކަށް ވެފައި އަވައްޓެރި ގައުމުތަކާއި ރާއްޖެ އާއި މެދު އިހުއްސުރެ އޮންނަ ގާތްގުޅުމާއި، ރާއްޖޭގެ އިގްތިސާދުގެ ނާޒުކު ކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި މިފަދަ ނިންމުމެއް ނިންމުމުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން ހާމަވެއެވެ. އަދި މިނިންމުމާ އެކު އިންޑިއާ ސަރުކާރުން އެކަމަށް ފާޑުކިޔައި، ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް އޭގެ ސަބަބުން ބުރޫއަރައި އެ ނިންމުމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކެއް ހުންނާނެކަން އިންޑިއާ އިން ގަބޫލުކުރާ ކަމަށް ބުނެފައިވާކަން ވެސް މި ދާއިރާއިން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މިޤައުމަށް ގެންނަވަން ފައްޓަވާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެބޮޑު އެއް މަޝްރޫއަކީ އިބްރާހީމް ނާސިރު އިންޓަރނޭޝަލް އެއާރޕޯޓް ތަރައްޤީކުރުން ކަމަށް ވީހިނދު މިދާއިރާގެ ރައްޔިތުން ބޭނުންވަނީ ދިވެހިންގެ ވައިގެ ބަނަދަރަކީ މިސަރަހައްދުގައިވާ އެންމެ ފުރިހަމަ ވައިގެ ބަނދަރުގޮތުގައި ތަރައްޤީވުމެވެ. ވޭތުވެ ދިޔަ ދިގު 30 އަހަރުގައި އޮތްފަދަ ބާލިދީ ވައިގެ ބަނދަރެއް، ތަރައްޤީވެފައިވާ މިޒަމާނުގައި މިދާއިރާގެ ރައްޔިތުންނެއް ބޭނުމެއްނުވެއެވެ.

މި ކޮންޓްރެކްޓް އަރބިޓްރޭޝަންއާ ނުލައި ރޫޅާލައިފިނަމަ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް މާލީ އަދި އިގްތިޞާދީ ގޮތުން ފޫނުބެދޭ ފަދަ ގެއްލުންތަކެއް ލިބޭނޭތީ އެމްޑީޕީ މަޑަވެލި ދާއިރާއިން ޖީ.އެމް.އާރަށް މިގޮވާލަނީ ކޮންޓްރެކްޓުގައިވާ ހަމަތަކުގެ މަތިން އެ ކޮންޓްރެކްޓު ރޫޅާ ނުލެވޭހާ ހިނދަކު ކޮންޓްރެކްޓުގެ އިމުގެ ތެރެއިން ބޭރުނުވުމަށެވެ. ޖީ.އެމް.އާރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމުގައި ދެމިތިބުމަށެވެ.

މިފަދަ ނާއިންސާފު ގޮތަކަށް މި ކޮންޓްރެކްޓް ރޫޅާލުމުން ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ގިނަ ފަރާތްތަކަށް ރާއްޖޭގެ ތަސައްވަރު ކިލަނބުވެ، ރާއްޖެއާއި މެދު އެފަރާތްތަކުގެ އިތުބާރުގެއްލި، އެކަމުގެ ސަބަބުން މިހާރު ވެސް އިންތިހާއަށް ހީނަރުވެފައިވާ މި ރާއްޖޭގެ ނާޒުކް އިޤްތިޞާދަށް ގެއްލުންތަކެއް ލިބެމުންދާނެކަމަށް މި ދާއިރާއިން ދެކެމެވެ. އެހެންކަމުން މިރާއްޖޭގެ އިގްތިޞާދަށް ނުހަނު ގެއްލުންތައްވާނެ މޭރުމުން، ސިޔާސީ ފައިދާގެ ދަހިވެތިކަމުގައި ބަޔަކުކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މި ދާއިރާއިން މި ގޮވާލަނީ ރާއްޖޭގެ އިގްތިސާދާއި، އަދި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީއަށްޓަކައި ޖީއެމްއާރުގެ ހިމާޔަތުގައި އަޑުއުފުލަމުންނެވެ.


ބަޔާންނެރުނީ: މުޙައްމަދު ނާޒިމް
އެމްޑީޕީ މަޑަވެލި ދާއިރާ