ތާރީޚް: 28 ނޮވެމްބަރ 2012 (ބުދަ)
ޖީއެމްއާރް ކޮންޓްރެކްޓް އުވާލުމާ ދެކޮޅަށް
އިންޑިއާގެ ޖީއެމްއާރާ އެކު އެމްޑީޕީ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް މިހާރު ސަރުކާރާ ހަވާލުވެގެން ތިއްބެވި ފަރާތްތަކުން ނިންމަވާފައި ނިންމެވުން އެންމެ މަތީ ދަރަޖައަށް މި ކުށްވެރިކުރަނީ، ސިޔާސީ ފައިދާއަށް އެ ނިންމި ނިންމުމަކީ ބޭރު ދުނިޔެއަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ގައުމަށް އެކަމުގެ ސަބަބުން ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިވެދާނޭ ކަމުގެ ބިރާއި، ކަންބޮޑުވުމާ އެކުގައެވެ.
އަވައްޓެރި ގައުމުތަކާއި ރާއްޖެ އާއި މެދު ޒަމާނުއްސުރެ އޮންނަ ގާތްގުޅުމާއި، ރާއްޖޭގެ އިގްތިސާދުގެ ނާޒުކު ކަމަށް އެއް ވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި މިފަދަ ނިންމުމެއް ނިންމުމުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން ހާމަވެއެވެ. އަދި މިނިންމުމާ އެކު އިންޑިއާ ސަރުކާރުން އެކަމަށް ފާޑުކިޔައި، އެ ނިންމުމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކެއް ހުންނާނެކަން އިންޑިއާ އިން ގަބޫލުކުރާ ކަމަށް ބުނެފައިވާކަން ވެސް މި ދާއިރާއިން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދުގެ ދުރުވިސްނުންފުޅާއި ހިކުމަތު އަމަލީގެ ދަށުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ވެސް ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެދިފައިވާ ސަރުކާރުން ބުނާ ބުނުމާ މިދާއިރާއިން ކަނޑައެޅިގެން ދެކޮޅުކަން ހާމަކުރަމެވެ. މި ކޮންޓްރެކްޓް އަރބިޓްރޭޝަންއާ ނުލައި ރޫޅާލައިފިނަމަ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް މާލީ އަދި އިގްތިޞާދީ ގޮތުން ފޫނުބެދޭ ފަދަ ގެއްލުންތަކެއް ލިބޭނޭތީ އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާއިން ޖީ.އެމް.އާރަށް މިގޮވާލަނީ ކޮންޓްރެކްޓުގައިވާ ހަމަތަކުގެ މަތިން އެ ކޮންޓްރެކްޓު ރޫޅާ ނުލެވޭހާ ހިނދަކު ކޮންޓްރެކްޓުގެ އިމުގެ ތެރެއިން ބޭރުނުވުމަށެވެ. ޖީ.އެމް.އާރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމުގައި ދެމިތިބުމަށެވެ.
މިފަދަ ނާއިންސާފު ގޮތަކަށް މި ކޮންޓްރެކްޓް ރޫޅާލުމުން ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ގިނަ ފަރާތްތަކަށް ރާއްޖޭގެ ތަސައްވަރު ކިލަނބުވެ، ރާއްޖެއާއި މެދު އެފަރާތްތަކުގެ އިތުބާރުގެއްލި، އެކަމުގެ ސަބަބުން މިހާރު ވެސް އިންތިހާއަށް ހީނަރުވެފައިވާ މި ރާއްޖޭގެ ނާޒުކް އިޤްތިޞާދަށް ގެއްލުންތަކެއް ލިބެމުންދާނެކަމަށް މި ދާއިރާއިން ދެކެމެވެ. އެހެންކަމުން މިރާއްޖޭގެ އިގްތިޞާދަށް ނުހަނު ގެއްލުންތައްވާނެ މޭރުމުން، ސިޔާސީ ފައިދާގެ ދަހިވެތިކަމުގައި ބަޔަކުކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މި ދާއިރާއިން މި ގޮވާލަނީ ރާއްޖޭގެ އިގްތިސާދާއި، އަދި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީއަށްޓަކައި ޖީއެމްއާރުގެ ހިމާޔަތުގައި އަޑުއުފުލަމުންނެވެ.
ބަޔާން ނެރުނީ: އިބްރާހީމް އަހުމަދު (މާލިމީ)
އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް