އިސްލާމް ދީނާއި ޤައުމިއްޔަތާއި ގުޅުވައިގެން ދެއްކި ދޮގު ވާހަކަތަކަކަށް ޖީއެމްއާރް އެއްބަސްވުން އުވާލީ ވަކި ބަޔަކު ރުއްސަން – ރައީސް ނަޝީދު

ލިޔުނީ: ލުޝާން
އެޑިޓްކޮށް އަޕްޑޭޓްކުރީ: ރާމިޒް

އިސްލާމް ދީނާއި،ދިވެހިންގެ ޤައުމިއްޔަތާއި ގުޅިވައިގެން ބަޔަކު ދައްކަމުން ގެންދިޔަ ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ދިވެހި ސަރުކާރާއި މާލޭ އިންޓަރނޭޝަނަލް އެއަރ ޕޯޓްގެ ހިންގުން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރް އާއި ދެމެދު ވެވިފައިވާ އެއްބަސްވުން އުވާލީ ވަކި ބަޔަކު ރުއްސުމުގެ ބޭނުމުގައި ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިހާރު ކުރަމުންދާ ބޮޑުތިލަދުންމަތީ ވަޢުދުގެ ދަތުރުގައި ހދ.މަކުނުދޫގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، ދިވެހި ސަރުކާރާއި، ޖީއެމްއާރް އާއި ދެމެދު ވެވިފައިވާ އެއްބަސްވުން ކުއްލިގޮތަކަށް އުވާލާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައެވެ. އަދި ސަރުކާރުން އެގްރީމެންޓް އުވާލިކަމަށް އިޢުލާން ކުރި ނަމަވެސް، ޖީއެމްއާރުން ފަށާފައިވާ އެއަރ ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފޮރިން އިންވެސްޓްމެންޓަކީ މި ރާއްޖޭގެ ޤައްމިޔަތަށާއި، އިސްތިޤްލާލަށް ލޮޅުން އަރާނޭކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ދުނިޔޭގެ ބޮޑެތި އިންވެސްމެންޓްތައް ބޭނުންވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖީއެމްއާރް އެއަރ ޕޯޓް ހިންގުމުގައި 25 އަހަރު ވަންދެން ތިބެން ޖެހޭނޭކަމަށާއި، އެމްޑީޕީގެ ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ހުޅުލޭގައި ދުނިޔޭގެ ފެންވަރުގެ އެއަރ ޕޯޓްގެ އަޅައިދޭން ޖެހޭނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއަރ ޕޯޓްގެ އާ ޓާރމިނަލް ފެއްޓުމަށް ފަހު ހުއްޓާލައިގެން ތިބުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާކަމެއް ކަމުގައި ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، ޖީއެމްއާރް އާއި އެކު ވެފައިވާ އެއްބަސްވުން ފަރުމާކޮށްފަައިވަނީ، 25 އަހަރު ދުވަހުގެ ތެރޭގައި 45 ބިލިއަން ރުފިޔާ ދިވެހި ދައުލަތުގެ މާލިއްޔަތަށް ވަންނާނޭގޮތަށް ކަމަށެވެ.