ޖީއެމްއާރު ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެދިފައިވާ ސަރުކާރުގެ ވަޒީރުންގެ މަޖިލިހުން ބުނާކަމީ މިޕާޓީން އެއްވެސް ހާލެއްގައި ގަބޫލުކުރާ ކަމެއް ނޫން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 136
ތާރީޚް: 27 ނޮވެމްބަރ 2012 (އަންގާރަ)

ޖީއެމްއާރު ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެދިފައިވާ ސަރުކާރުގެ ވަޒީރުންގެ މަޖިލިހުން ބުނާކަމީ މިޕާޓީން އެއްވެސް ހާލެއްގައި ގަބޫލު ކުރާ ކަމެއް ނޫން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު އިންޓަރނޭޝަނަލް ފައިނޭންސް ކޯޕރޭޝަންގެ ބެލުމުގެ ދަށުން ވެފައިވާ ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެދިފައިވާ ސަރުކާރުގެ ވަޒީރުންގެ މަޖިލިހުން ބުނާކަމީ މިޕާޓީން އެއްވެސް ހާލެއްގައި ގަބޫލު ކުރާ ކަމެއް ނޫނެވެ.

މިކޮންޓްރެކްޓް އަބިޓްރޭޝަންއާ ނުލައި ރޫޅާ ލައިފިނަމަ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް މާލީ އަދި އިގްތިޞާދީ ނުހަނު ގިނަ ގެެއްލުންތަކެއް ލިބޭކަމަށް މިޕާޓިން ގަބޫލު ކުރަމެވެ. މިޕާޓީ ގޮވާލަނީ ކޮންޓްރެކްޓުގަވާ ހަމަތަކުގެ މަތިން ކޮންޓްރެކްޓު ރޫޅާ ނުލެވޭހާ ހިދަކު ކޮންޓްރެކްޓުގެ އިމުގެ ތެރެއިން ޖީ.އެމް.އާރު ބޭރުނުވުމަށެވެ. ޖީ.އެމް.އާރ އިބްްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމުގައި ދެމިތިބުމަށެވެ. އެމް.ޑީ.ޕީން ޖީއެމްއާރ އަށް މިގޮވާލަނީ ޣައިރު ގާނޫނީ ސަރުކާރުގެ އަމުރަށް ބޯނުލެނބުމަށެވެ. އަދި ދިވެހިރައްޔިތުންނަށް މިގޮވާލަނީ ބަޣާވާތުގެ ސަރުކާރުން އެބޭފުޅުންގެ އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހި ރާއްޖެއަށް ގިނަގުނަ ގެއްލުން ދޭތަން ބަލަން ނުތިބުމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރަމުން އަންނަ އިންޑިޔާގެ އެންމެ ބޮޑު އެއްކުންފުންޏާ ދިވެހި ސަރުކާރުގެ ނަމުގައި ބަޔަކު ޣައިރު ގާނޫނީ މުޢާމަލާތްތަކެއް ކުރާކަމީ މުޅި މިޤައުމަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި މިޕާޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް