މިރާއްޖޭގެ އިގްތިޞާދަށް ނުހަނު ގެއްލުންތައްވާނެ މޭރުމުން، ސިޔާސީ ފައިދާގެ ދަހިވެތިކަމުގައި ބަޔަކުކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގަދައަޅައި ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 135
ތާރީޚް: 27 ނޮވެމްބަރ 2012 (އަންގާރަ)

މިރާއްޖޭގެ އިގްތިޞާދަށް ނުހަނު ގެއްލުންތައްވާނެ މޭރުމުން، ސިޔާސީ ފައިދާ ގެ ދަހިވެތިކަމުގައި ބަޔަކުކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގަދައަޅައި ގޮވާލުން

ރާއްޖޭގެ ވެރިކަމަށް އަރާތިބި ސަރުކާރުން އިސްނަގައިގެން ބަޔަކު މީހުން ލައްވާ މިރާއްޖޭގެ އިގްތިޞާދަށް ނުހަނު ގެއްލުންތައް ވާނެ މޭރުމުން ސިޔާސީ ފައިދާގެ ދަހިވެތި ބޭނުމުގައި ކުރުވަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ގަދައަޅައި ގޮވާލަމެވެ. މިރާއްޖޭގައި ކުރެވިފައިވާ ފޮރިންގ އިންވެސްޓްމަންޓްތަކާ ދެކޮޅަށް ގައުމީހަރަކާތުގެ ނަމުގައި ގައުމަށް ގެއްލުންތައް މެދުވެރިވިއަސް ވަރިހަމަގޮތެއްގައި މިހިންގާ ހަރަކާތްތަކުގައި ސަރުކާރުގެ ބައެއް އިސްވެރީންނާއި ސިޔާސީ ބައެއް ޕާޓީތަކުގެ ވެރިން ބައިވެރިވުން އެއީ ސިޔާސީ ހަމަތަކާއި ރިވެތި އުސޫލާއި ޚިލާފް ކަންކަމުގެ އިތުރުން އެ މަސައްކަތްތަކުގައި ޣައިރު ގާނޫނީ އެތައް ޢަމަލެއް ހިމެނޭ ގޮތުން އުފުލޭ ބުރަތަކެކެވެ.

ވިޔާފާރީގެ ނާޖާއިޒް ފައިދާގެ ދަހިވެތިކަމުގައި ތަފާތު ހީލަތްތެރި ޚަރަދުތައް ކޮށް މިރާއްޖޭގައި ކުރެވިފައިވާ ފޮރިންގ އިންވެސްޓްމަންޓްތަކާ ދެކޮޅަށް ރޭވުންތައް ރާވާ ބަޔަކު، މުޅިގައުމުގެ މަޞްލަހަތަށްވުރެ އަމިއްލަ ދަހިވެތިކަން އިސްކޮށްގެން އޮޅުވާލުންތައް ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އެފަދަ ފަރާތްތަކުގެ ގެއްލުންދެނިވި ޢަމަލުތައް ހުއްޓުވުމަށް ކަމާ ގުޅުންހުރި ހުރިހާފަރާތަކަށް މިޕާޓީން ގޮވާލަމެވެ.

މިރާއްޖޭގެ އިގްތިޞާދު މަތި ކުރުމަށްޓަކާ ބޭރުފަރާތްތަކުގެ ހިއްޞާ ނުވަތަ ފޮރިން އިންވެސްޓްމަންޓް ތަކަށް މަގުފަހިކުރުން އެއީ އެމްޑީޕީ އިން 2008ގެ ރިޔާސީ އިންތިޚާބުގައި ނެރުނު އަމާޒުތަކުގައި، ނުވަތަ މެނިފެސްޓޯގައި ހިމެނިފައިވާ މުހިންމު އެއް ވައުދުވެސް މެއެވެ. ރާއްޖެއަށް ބޭނުންވާ މަތީ އިންވެސްޓްމަންޓް ތައް ޙާޞިލްކުރުމަށް، ބޭރުގެއާއި ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ސަރުކާރާއެކު ހިއްސާވެގެން، ދެފަރާތަށްމެ ނަފާވާގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު (ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ޕީޕީޕީ) ހުޅުވާލާފައިވަނީ އެމްޑީޕީގެ ސަރުކާރުންނެވެ. މިރާއްޖޭގެ ޖުމްލަ ރައުސުލްމާލުން ކުރެވޭންނެތް ކިތަންމެ ޚަރަދެއް ތަރައްގީއަށްޓަކާ ކުރާން މިހާރު މުހިންމުވެފައިވާއިރު، އެކަންކަން ފަހިކުރެވޭންއޮތީ ރާއްޖޭގައިކުރެވޭ ބޭރުގެ އިންވެސްޓްމަންޓް ތަކަށް އިތުބާރު އިތުރުކުރެވި، ގާނޫނީ ހިމާޔަތްތެރިކަން ކަށަވަރުކޮށްދެވި، ދެފަރާތަށް ފައިދާހުރިގޮތްތައް އިސްކޮށްގެނެވެ.

މިހާތަނަށް ކުރެވިފައިހުރި ފޮރިންގ އިންވެސްޓްމަންޓްތަކުން ގައުމުގެ އިގްތިޞާދަށް ފާހަގަކުރެވޭ ފައިދާތައް ކުރާ ވަޞީލަތްތަކުގެ ގޮތުގައި ބޭރުގެ ބޭންކް ތަކާއި، އެތަންތަނުގެ އެހީ އާއި ފޮރިންއިސްވެސްޓްމަންޓްތަކާ ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އެޑްވާންސް ހޯދޭ އެތަކެއް ރިސޯޓާއި، ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ޑައިވިންގް ސްކޫލާ، މުޢާޞަލާތީ ޚިދުމަތާ، މާލެ އަދި ބައިބޯ އާބާދީ ތަކަށްފެން އުފައްދާ ކުންފުންޏާ އެތަކެއް ރިސޯޓެއް އެއާމެދު ބަރޯސާވާ ކަނޑުގައި ޖައްސާ މަތިންދާބޯޓްގެ ޚިދުމަތް ހިމެނެއެވެ. ހަމަ އެއާއެކު އެމްޑީޕީ ސަރުކާރުގެ ޕީޕީޕީ ސިޔާސަތުގެ ދަށުން ދިރާގުގެ މެޖޯރިޓީ ހިއްޞާގައި އަމިއްލަ ކުންފުންޏެއް ބައިވެރިކޮށް އިންޓަނެޓްގެ ޒަރީއާއިން ރާއްޖޭގެ ރަށްތަކާ ދުނިޔެ އާއި ގުޅުވާލުމަށް ފަށާފައިވާ 70 މިލިޔަން ޑޮލަރުގެ މަޝްރޫޢުވެސް ހިމެނެނީ މިފަދަ ފޮރިން އިންވެސްޓްމަންޓް ތަކުގެ ތެރޭގައެވެ.

އެމްޑީޕީ ސަރުކާރުގެ ދައުރުގައި ރާއްޖޭގައި ހުޅުވި އިންޓަރނޭޝަނަލް ސްކޫލްތައް ހިންގާންފެށިފައިވަނީވެސް ފޮރިންއިންވެސްޓަރުންގެ ބައިވެރިވުމާއެކުގައެވެ. ދިގު މުއްދަތަށް ބަހާލައިގެން އަތްފޯރާ އަގު އަދާކުރެވޭ އުޞޫލުން ރައްޔިތުމީހާއަށް ވަގުތުން ވަދެވޭފެންވަރަށް ނިންމިފައިހުރި ގެދޮރު ލިބެވޭނެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2500 ހައުސިންގް ޔުނިޓްގެ މަސައްކަތްފެށި، އެކަށީގެންވާ އަވަސްމިނެއްގައި ބައެއްތަންތަން ނިމުމާގާތަށް ގެންދެވިފައި އެހެރީވެސް އެމްޑީޕީގެ ސިޔާސަތާއި ފޮރިންގ އިންވެސްޓްމަންޓްގެ އެހީގައެވެ. އެމްޑީޕީ ސަރުކާރުގެ ޕީޕީޕީގެ ދަށުން މާލޭ ބައިނަލް އަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމަށް ކަނޑައެޅުނު 400 މިލިޔަން ޑޮލަރަށް ވުރެ މަތީ ފޮރިންގ އިންވެސްޓްމަންޓް ހިމެނިފައިވަނީ ޚަރަދުގެ ނަފާ އަގުމަތިވާ މިންވަރު ނުވަތަ ނެޓް ޕްރެސެންޓް ވެލިއުގެ އުޞޫލުން ބަލާއިރު ރާއްޖެއަށް އެންމެ ފައިދާ ބޮޑު ޙިއްޞާކުރުން ކަމުގައެވެ.

އެފަދަ އެތަކެއް މަޝްރޫޢުއެއް މިރާއްޖޭގައި ކާމިޔާބު ކަމާއިއެކު ހިންގަމުންގެންދެވޭއިރު، ސިޔާސީ އަދި ނާޖާއިޒު ވިޔާފާރީގެ ދަހިވެތިކަމުގައި، ރައްޔިތުންނާ ގައުމުގެ ޖުމްލަ މަޞްލަހަތު އެއްކިބާކޮށް ވަކިބަޔަކުގެ އަމިއްލަ އަދި ސިޔާސީ ބޭނުމަށް ފާހަގަކުރާ ވަކި އިންވެސްޓްމަންޓް ތަކަކާމެދު އިތުބާރު ނަގާލާ، ބިރު ދައްކައި، ސިޔާސީ ބޭނުމަށް ދީންކުރިއަށްނެރޭ ޕާޓީއެއްގެ ރައީސް ޙުދު އޭނާއާއި ބައިވެރިން ތަފާތު އިންޒާރުތައް އިއްވަމުން ގެންދިއުމަކީ ގައުމީ ސަލާމަތަށް ވަރަށް ނުރައްކާތެރިކަމެއްކަމުގައި މިޕާޓީގެ މެމްބަރުން ދެކެއެވެ. އަވަށްޓެރި ގައުމަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރުވައި، އަދި މިރާއްޖޭގައި ކުރެވިފައިހުރި އިންވެސްޓްމަންޓް ތަކަށް ހުއްޓުން ގެނެސް، ގާނޫނީ ހިމާޔަތާ އިތުބާރާ މެދު ސުވާލު އުފައްދައިގެން ކުރިއަށް ހޯދިދާނެ ފޮރިން އިންވެސްޓްމަންޓްތަކަށް ހުރަސް އެޅުމަކީ މިރާއްޖޭގެ އިގްތިޞާދަށް އެތައް ގުނައަކުން ގެއްލުންތައް މެދުވެރިވާނޭ ޢަމަލުތަކެއް ކަމުން، އެފަދަފަރާތްތައްހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. ހަމައެއާއިއެކު މިކަމުގައި މާތްވެގެންވާ އިސްލާމްދީން އެއީ ހަތިޔާރަކަށް ހަދައިގެން، ފަތާފައި ހުޅުލެއަށް އަރައި ރަންވޭ ނޮޅާލައި އެތާ އޮށޯވެގެން ގުޖަޑުތަކެއްހިންގާނެކަމަށް ގަދައަޑުން ގޮވާހެދުމަކީ، ދީނީގޮތުން ހަރުކަށި ހައްދުފަހަނައަޅާފައިވާ ޢަމަލުތަކެއްކަމުން އެކަންކަން ވަރަށް ވަރުގަދަ ޢިބާރާތުން މިޕާޓީން ކުށްވެރިކޮށް އެފަދަފަރާތްތަކާމެދު ތަހްގީގީ އަދި ގާނޫނީ ފިޔަވަޅު އަޅައި މިގައުމުގެ ކުރިމަގަށާއި އިގްތިޞާދަށް ދެމުންއެގެންދާ ގިނަގުނަގެއްލުންތައް ހުއްޓުވުވުމަށް މިޕާޓީން ގޮވާލަމެވެ.

ދިވެހިރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ތިޔާގިކަން އިތުރުކުރުމަށްޓަކާ އެމްޑީޕީ ސަރުކާރުން ބޭރުގެ ފަރާތަކާއެކު ކޮށްފައިވާ އެއްބަސްވުމަކަށް ނާޖާއިޒު ދިމާކުރުންތަކެއް އެއްވެސް ބަޔަކު މެދުވެރިކުރާނަމަ އެކަންކަމުގައި ގާނޫނީ ހިމާޔަތް ހޯދައިދިނުމަށް ކުރެވޭންހުރި ހުރިހާ މަސައްކަތެއް ޝަރުޢީ ހުރިހާ މަރުހަލާއެއްގައި އިރާދަފުޅާއެކު ކުރަމުންގެންދާނެކަމުގައި މިޕާޓީގެ ލޮބުވެތި މެމްބަރުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ޔަގީން ކޮށްދެމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް