ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ދައުވާ ހިންގަމުންދާ “ހުޅުމާލޭ ކޯޓު” ކަމަށް ބުނާ ތަނަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
“ހުޅުމާލޭ ކޯޓު” ކަމަށް ބުނާ ތަން އުފެއްދުމާ ގުޅޭ ގޮތުން އެ ކޮމިޓީއަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވި ލިޔެކިޔުންތަކަށް ބެލުމަށްފަހު އެ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާ ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި 10 މެންބަރުންގެ ތެރެއިން 8 މެންބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓުދެއްވީ ހަމައެކަނި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. މި ބައްދަލުވުމަށް ދެން ހާޒިރުވެވަޑައިގެންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަކީ ކޮމިޓީގެ މުގައްރިރެވެ.
ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނަކީ ޖޭއެސްސީގެ 21 ވަނަ މާއްދާއިން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި 63 ވަނަ މާއްދާގެ ދާއިރާގެ ތެރޭގައި ހަދައި ހިންގަމުން އަންނަ ކޯޓެއް ކަމުގައި ބަލައިގަނެވެން ނެތް ކަމަށެވެ. އެހެން ކަމުން އެކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ފެންނަ ކަމަށް ކަނޑައަޅައި، ޖޭއެސްސީ އަށް އެކަން އެންގުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކުރި ރިޕޯޓުގައިވެއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި، ޕީޕީއެމްގެ އެހެން މެންބަރުންގެ އިތުރުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ވޯޓް ދެއްވީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ކޮމެޓީން ކަނޑައެޅުމަށް ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު މިގޮތަށް ނިންމި އިރު، ޖޭއެސްސީގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނު ހަދާފައިވަނީ، އަދި އެ ގާނޫނުތައް ހެދުމުގެ ބާރު ގާނޫނު އަސާސީން ލިބިގެންވަނީ ވެސް ހަމައެކަނި ރައްޔިތުންގެ މަޖިލީހަށްކަން ފާހަގަކުރެވެއެވެ.