ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފޯނުކޯލްތައް މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން އަޑުއަހާ މައްސަލަ އާއި ވެށިފަހި މާލެ ޕްރޮގްރާމްގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފޯނުކޯލްތައް އަޑުއަހާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފޯނުކޯލްތައް އަޑުއަހައި، ޖާސޫސްކުރަމުންދާ ކަމުގެ ޝަކުވާ އެ މެންބަރުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށާއި، އެ ކަމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ޒާތީ މިނިވަންކަމަށް އަރައިގަނެވޭ ފަދަ މައްސަލައެއް ކަމަށް ވާތީ، އެކަން ހިނގާ ނުހިނގާ ގޮތް ބައްލަވައިދެއްވުމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ މައްސަލައިގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ)، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމެޓީގެ މުޤައްރިރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ މިހާރު ސަރުކާރާ ހަވާލުވެގެން ތިއްބެވި ފަރާތްތަކުން ފްލެޓްއާއި ގޯތި ދޫކުރުމުގައި ހިތުހުރި ގޮތަކަށް އަމަލުކުރަމުންދާކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ އެ މައްސަލަ ބައްލަވައިދެއްވުމަށެވެ.
“އެމް.ޑީ.ޕީ ސަރުކާރުން އިއުލާންކޮށްފައިވާ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއާއި ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ 1500 (ފަނަރަ ސަތޭކަ ފްލެޓް) އަދި ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ 250 (ދުއިސައްތަ ފަންސާސް) ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ މައުލޫމާތު އެމް.ޑީ.ޕީ ސަރުކާރުން އެއްކޮށްފައި ވަނިކޮށް، މުހައްމަދު ވަހީދުގެ ސަރުކާރުން ފްލެޓްއާއި ގޯތި ދޫކުރުމަށް ހިތުހުރި ގޮތަކަށް އަމަލުކުރަމުންދާކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ މިމައްސަލަ ކޮމެޓީން ބައްލަވައިދެއްވުން އެދެމެވެ.” ބޮންޑަގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.