އެމްޑީޕީގެ 72 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ލިބިއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމަށް ހުށަހަޅާފައިވާ 19 ކެންޑިޑޭޓަކަށް ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީ ޓިކެޓް ދީފިއެވެ. މި ކެންޑިޑޭޓުންގެ ތެރޭގައި 30 ޖެނުއަރީ 2009 އާއި 6 ފެބްރުއަރީ 2009 ވީ ހުކުރު ދުވަހު އޮތް ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުންވެސް ހިމެނެއެވެ. ރޭ ޕާޓީ ޓިކެޓް ދެއްވި ކެންޑިޑޭޓުންނާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން މިހާތަނަށް 72 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ.
ފުވަށް މުލަކު އުތުރު (ޏ1) ގައި ބޭއްވުނު ޕްރައިމަރީގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ އަދަދު އެއްވަރުވެފައިވުމާއެކު އެ ދާއިރާގައި ޕްރައިމަރީއެއް އަލުން ބޭއްވުމަށް ގައުމީ މަޖިލިހުން ވަނީ ރޭ ނިންމަވާފައެވެ. އަދި ކޮލަވިލިގިލި (ގއ 1) ގައި ބޭއްވި ޕްރައިމަރީގައި މައްސަލައެއް ދިމާވެފައިވުމާއެކު ޕްރައިމަރީއާ ގުޅޭ މައްސަލަ ބަލާ 3 މެމްބަރުންގެ ކޮމިޓީން އެކަން ހިގާ ދިޔަ ގޮތް ބެއްލެވުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރޭ ހުށަހެޅުއްވިއެވެ. 3 މެމްބަރުންގެ ކޮމިޓީން ވިދާޅުވި ގޮތުގައި އެ ދާއިރާއިން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ކުރި ހޯއްދަވާފައިވަނީ ގއ ވިލިގިލި، އޭޝް އަދްނާން ހަލީމެވެ. ނަމަވެސް އަދްނާން ހަލީމަށް ޕާޓީ ޓިކެޓް ދިނުމަށް ގައުމީ މަޖިލިހަށް ހުށަހެޅުމުން އެކަން ވަނީ ފާސް ނުވެފައެވެ. މިހެން ވުމުގެ ސަބަބުން ކޮލަވިލިގިލި އިންތިޚާބީ ދާއިރާއިން ޕާޓީ ޓިކެޓް ދިނުމުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު ބަހުސް ކުރެވެމުން ދަނިކޮށް ވަގުތު ހަމަވުމާއެކު ދެން އޮންނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމުމަށް ފަސްކުރައްވައި ރޭގެ ބައްދަލުވުން ވަނީ ނިންމަވާލައްވާފައެވެ.
ރޭ އެމްޑީޕީގެ ހަރުގެ، ގ ދުންފިނިހިޔާގައި އޮތް ގައުމީ މަޖިލީހުގެ ބައްދަލުވުން ހިގަމުން ދިޔަ ތަން ބަލާ އަޑުއެހުމަށް ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ހާޒިރުވެ ތިއްބެވެ. އަދި މަޖިލީސް ހިގަމުން ދިޔައިރު އެ މެމްބަރުންގެ ޝުއޫރުތައް ބައެއް ހިނދުކޮޅުތަކުގައި ފެނިގެން ދިޔައެވެ. 9 ފެބްރުއަރީ ގެ މި ބައްދަލުވުމަކީ، އެމްޑީޕީގެ ހަރުގޭގައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިއަހަރު ބޭއްވޭ 2 ވަނަ ފަހަރެވެ.

ޕާޓީ ޓިކެޓް ދެވިފައިވާ ކެންޑިޑޭޓުން (9 ފެބްރުއަރީ 2009 ގެ ނިޔަލަށް)