އަފްރާޝީމްގެ މަރުގެ ތަފްސީލް ހާމަކުރަން އެންމެ މުނާސަބު ވަގުތަކީ އުނގޫފާރު ދާއިރާގެ ވޯޓަށް ނުފޫޒު ފޯރުވަން އެންމެ މުނާސަބު ވަގުތަށް ވެގެން ނުވާނެ – ރައީސް ނަޝީދު

ލިޔުނީ: ލުޝާން
އެޑިޓްކޮށް އަޕްޑޭޓްކުރީ: ރާމިޒް

އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ތަފްސީލް ހާމަކުރަން އެންމެ މުނާސަބު ވަގުތަކީ، ވޯޓަށް ނުފޫޒު ފޯރުވައި، ޕީޕީއެމްއަށް އެ ދާއިރާގެ ގޮނޑި ކާމިޔާކޮށް ދިނުމަށް އެންމެ މުނާސަބު ވަގުތު ކަމުގައި ވެގެންނުވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބޮޑު ތިލަދުންމަތީ ވަޢުދުގެ ދަތުރުގައި ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން ޑރ. އަފްރާޝީމް ޢަލީގެ މަރު ސިޔާސީ ބޯޅައަކަށް ހައްދަވާފައިވާ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް ގޮވާލައްވާކަމަށެވެ. ޑރ. އަފްރާޝީމް ޢަލީއަކީ އެމްޑީޕީގެ ދީނީ ސިޔާސަތުތަކާއި އެއްގޮތް ސިޔާސަތުތަކެއްގެ ބޭފުޅެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޑރ، އަފްރާޝީމް ޢަލީ ދަރުސް ދެއްވަން ފެއްޓެވި ދުވަސްވަރު ޢަދާލަތު ޕާޓީން އަފްރާޝީމްއާއި ދެކޮޅަށް ހިންގި ޖަރީމާތަކުގެ ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން ޑރ. އަފްރާޝީމްއަކީ ކާފަރެއް ކަމަށް ބުނެ، އަފްރާޝީމްއާއި މަގުމަތިން ދިމާކުރުމުގެ ކަންތައް ވެސް އޭރުވަނީ ޢަދާލަތު ޕާޓީން އަޑީގައި އޮވެގެން ހިންގާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ ނޢއވ އިބްރާހީމް ހުސައިން ޒަކީ ދަން ޖައްސާ މަރާލުމަށް ޢަދާލަތު ޕާޓީގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު މުއްތަލިބު ގޮވާލާފައިވާތީ އެކަން ކުށްވެރިކުރައްވާފައެވެ.

އެމްޑީޕީ ބޮޑު ތިލަދުންމަތީ ދަތުރަކީ އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދުނު މިންވަރު ދެނެގަތުމަށް ކުރަމުންދާ ދަތުރެކެވެ.
އެމްޑީޕީން ވަނީ ކަނޑިތީމުގައި ވެސް ޕޮލިސީ ފޯކަސްޑް މަސައްކަތު ބައްދަލުވުމާއި ދޮރުން ދޮރަށް ހިނގާފައެވެ. އަދި ރައީސް ނަޝީދު ވަނީ ކަނޑިތީމުގައި އެމްޑީޕީގެ ޖަގަހައެއް ވެސް ހުޅުއްވައިދެއްވާފައެވެ.