ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ބައިވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޝެޑިއުލްއަށް ބޮޑެތި ބަދަލުތަކެއް ގެނެސް އުނގޫފާރު ދާއިރާގައި ހިމެނޭ 3 ރަށަށް ވެސް ޒިޔާރަތްކުރާ ގޮތަށް އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމް ވިދާޅުވީ ދަތުރުގެ ޝެޑިއުލްއަށް ބަދަލު ގެނެސް އެ ދަތުރުގެ ތެރެއިން އުނގޫފާރު ދާއިރާގެ ރަށްރަށަށް ދަތުރުކުރާ ގޮތަށް ހަމަޖެއްސީ މިއަންނަ ޑިސެމްބަރު މަހުގެ 1 ވާ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޑރ. އަހުމަދު އަޝްރަފް އަށް ތާއީދު ހޯދުމުގެ ގޮތުން އެރަށްރަށުގައި އެމްޑީޕީން ކުރަމުންދާ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން މިމަހުގެ 28 ވަނަ ދުވަހު ރ.މާކުރަތަށް، 29 ވަނަ ދުވަހު އުނގޫފާރަށް އަދި 30 ވަނަ ދުވަހު ހުޅުދުއްފާރަށް ޒިޔާރަތްކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި މި 3 ރަށުގައި ވެސް އެމްޑީޕީން ދޮރުންދޮރަށް ހިނގުމުގެ އިތުރުން އެމްޑީޕީގެ ޚާއްސަ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.