ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި ރައީސް ނަޝީދު ށ.ނޫމަރާ އާއި މަރޮއްޓަށް ޒިޔާރަތްކުރައްވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ބައިވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އިއްޔެ ހަވީރު ށ.ނޫމަރާ އަށް އަދި މިއަދު ހެނދުނު ށ.މަރޮއްޓަށް ވަޑައިގަތުމުން އެ ދެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ނޫމަރާ އާއި މަރޮއްޓަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލައްވައި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވައި އެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ ސަރުކާރުން ނޫމަރާގައި ހައްދަވައިދެއްވި ބަނދަރު ރައީސް ނަޝީދު ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ރޭ ނޫމަރާ ސްކޫލުގައި ބޭއްވި ކޮމިއުނިޓީ ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ކުދިރަށްރަށުގެ އާބާދީ މަދު ނަމަވެސް އެރަށްރަށުގައި ވެސް ދިރިއުޅެނީ ދިވެހިން ކަމަށާއި، ކުދިރަށްރަށް ނައްތާލުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖީއެމްއާރު އެގްރީމެންޓް އުވާލައިފިނަމަ ރާއްޖޭގެ މާލިއްޔަތު ރަގަޅުވާން ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް ވެސް ރޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަރޮށީ އަދި ނޫމަރާ ގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔައެވެ.