އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ށ.ފީވަކާއި ށ.ފޭދޫއަށް ޒިޔާރަތްކުރައްވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ވައުދުގެ ދަތުރުގެ ބައިވެރިންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ހެނދުނު ށ.ފީވަކަށް އަދި މިއަދު މެންދުރު ށ.ފޭދޫ އަށް ވަޑައިގަތުމުން އެ ދެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފީވަކާއި ފޭދޫ އާ 2 ރަށަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލައްވައި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވައި އެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން މަސައްކަތްކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

އެ ދެ ރަށުގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔައެވެ.

ވައުދުގެ ދަތުރުގެ ބައިވެރިން މިރޭ މަޑުކުރާނީ ށ.ނޫމާރާގައެވެ. އެރަށުގައި ވެސް ޕޮލިސީ ވޯކްޝޮޕާއި، ދޮރުންދޮރަށް ހިނގުން އޮންނާނެއެވެ. މީގެ އިތުރުން އެރަށުގެ އެމްޑީޕީ މެންބަރުންނާއި ކަމުވޮށިވެގެންވާ ފަރާތްތަކާ އެކު އެމްޑީޕީގެ ލީޑަރޝިޕުން ބާއްވާ ބައްދަލުވުމެއް މިރޭ އޮންނާނެއެވެ.