މިއަދަކީ އަންހެނުންނަށް ކުރެވޭ އަނިޔާތަކާ ދެކޮޅަށް ބައިނަލް އަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރެވޭ ދުވަހެވެ. މިފަދަ ގޮތަކަށް ދުވަހެއް ފާހަގަ ކުރަން ޖެހުނީ ދުނިޔޭގެ ކަންކޮޅުތަކުގައި އަންހެނުންނަށް ކުރެވޭ އަނިޔާތައް ހައްދުފަހަނައަޅާފައި ވާތީ ދުނިޔޭގެ ފެންވަރުގައި މިކަމަށް ސަމާލުކަން ދޭން ޖެހިއްޖެކަމަށް ގިނަބަޔަކަށް ޤަބޫލު ކުރެވިގެންނެވެ.
އަންހެނުންނަށް ތަފާތު އަނިޔާތައް އެކި މާޙައުލުގައި ކުރަމުން ދެއެވެ. ގޭތެރޭގައާއި މަސައްކަތު މާޙައުލުގައާއި މުޖުތަމަޢުގެ ތެރޭގައާއި މަގުމަތީގައާއި އަދި ބަންދެއްގައި ހުންނަ އިރުވެސް އެންމެ ގިނައިން އަނިޔާ ލިބޭފަރާތަކީ އަންހެނުންނެވެ. ތަޅައި އަނިޔާ ކޮށްގެން މުޅިޢުމުރަށް އެ ލިބޭ ގެއްލުމުގެ ވޭން އުފުލަން ޖެހެނީކީ މަދެއްކޮށް ނޫނެވެ. މަޖުބޫރުން ހަށިވިއްކަން ޖެއްސުމާއި ނަފްސާނީ ގޮތުންވެސް ނަފްސްގެ ޢިއްޒަތް ގެއްލޭގޮތްގޮތަށް ހަދައިގެން ވެސް އަނިޔާ ކުރެއެވެ.
ރާއްޖޭގައި ވެސް އަންހެނުންނަށް މިބާވަތުގެ އަނިޔާތައް ކުރާކަން ހިތާމަޔާ އެކު ފާހަގަ ކުރަމެވެ. އަދި މިފަހަކާ ޖެހެންދެންވެސް ގިނަ ފަހަރަށް ބިރުން ނުވަތަ ދަރިންނަށްޓަކައި ވަނީ އެލިބޭ އަނިޔާ ފޮރުވިފައެވެ. މީގެ އިތުރުން އަނިޔާ ލިބުނު ފަރާތުން އެކަމާ އުޅެވޭނެ ގޮތެއް ވެސް ތަނަވަސްވެފައެއް ނޯވެއެވެ. ނަމަވެސް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ގެވެށި އަނިޔާ އާ ބެހޭ ބިލް ވަނީ 2012 ގައި ފާސްވެފައެވެ. އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާތައް ކުއްވެރިކޮށް އެކަން ހުއްޓުވުމަށްޓަކައި މިބިލުން ލިބިދޭ ޙައްޤުތައް ހޯދުމަސް ޖެހިލުން ނުވެ މަސައްކަތް ކުރުމަށް ހުރިހާ އަންހެން ކަނބަލުންނަށް އިލްތިމާސް ކުރަމެވެ.
25 ނޮވެމްބަރ 2012
ބަޔާން ނެރުނީ: ޝިޔާމާ އަހުމަދު
އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ