މައުމޫން މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ.ވަޙީދު ކަމުގައި ހެއްދެވުމަށް – ރައީސް ނަޝީދު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

30 އަހަރުގެ ޚުދުމުޚްތާރު ވެރިޔާ މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްކުރައްވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ މިހާރު ވެރިކަމުގައި ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކަމުގައި ހެއްދެވުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ 3 ވަނަ ޖަލްސާގައި ރޭ ފޯކައިދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަރަށް ޔަގީން ކަމާއެކު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރައްވަން 30 އަހަރުގެ ޚުދުމުޚްތާރު ވެރިޔާ މައުމޫނު އަބްދުލް ގައްޔޫމް ނިކުމެވަޑައިނުގަންނަވާނޭ ކަމަށެވެ. މީގެ އިތުރުން ޑރ.ވަހީދު ނުވަތަ އެހެން ބޭފުޅަކު އެމަނިކުފާނާ ވާދަކުރައްވަން ނިކުމެވަޑައިގެންނެވި ނަމަވެސް ސާދާ ކަމާއެކު ވަރަށް ފަސޭހައިން “ކިހިލި ޖަހައިގެން” އެއްބުރުން އެ ކެންޑިޑޭޓަކު ބަލިކުރައްވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑރ. ވަހީދާ މެދު ކުރެވޭ ބޯރޑަރ ކޮންޓްރޯލް ސިސްޓަމުގެ ކަރަޕްޝަންގެ ތުހުމަތަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މި ހުރިހާ ދުވަހު ވެސް ނައިބު ރައީސަކު އައްޔަންނުކޮށް ހުންނެވީ “ބަޣާވާތެއް ކާމިޔާބުކުރުމަށް ބޭވަފާތެރި ނައިބު ރައީސެއް ބޭނުންވާކަން މައުމޫނަށް ވިސްނިވަޑައިގަންނަވާތީ”، ކަމަށެވެ. އަދި އެންމެ ފަހުން ގާނޫނު އަސާސީގައި ލިޔެ ނައިބު ރައީސަކު ހޮވުމުން އެ ނައިބު ރައީސް މެދުވެރިކޮށް މައުމޫން މިވަނީ ބަޣާވާތެއް ގެންނަވާފައި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ފޯކައިދޫގެ ތަރައްގީގެ މަޝްރޫއުތައް ނުހިންގި ވަނީ ބަޣާވާތަކުން ވެރިކަން ބަދަލުކުރުމުން ކަމަށާއި، އިރާދަކުރެއްވިއްޔާ ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ފޯކައިދޫ ބަނދަރު ހަދައި، ނަރުދަމާ އަޅައި، ފޯކައިދޫ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކޮށް، އެރަށުގެ ދަނޑުވެރިކަން ތަރައްގީކޮށް، ވަޒީފާ އުފައްދަވައިދެއްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފޯކައިދޫ ދަނޑުވެރިންނަށް ކުޅުދުއްފުއްޓަށް ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކޭނޭ އިންތިޒާމް ހަމަޖައްސައި، ކުޅުދުއްފުއްޓާއި އެރަށާ ފެރީގެ ނިޒާމުން ގުޅާލެވިފައިވީ ނަމަވެސް ފެރީގެ ނިޒާމް މިހާރު ހުއްޓާލާފައިވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރު އައުމުގެ ކުރިން ގޯޅިގޯޅި ކަންމަތީގައި ބިތްޖެހިފައި، އެކަނިވެފައި، މާޔޫސްވެފައި ތިބި ކުދިންގެ އަދަދު ފެނިވަޑައިގެންނެވި ކަމަށާއި، އެކުދިންގެ މައިންބަފައިންނާ ގާތްތިމާގެ މީހުން އެކަމާ މެދު ކުރާ ހިތާމަ ފެނި، އެމްޑީޕީން ދޮރުން ދޮރަށް ހިނގައި އެކުލަވާލި މެނިފެސްޓޯގައި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް ކުރި މަސައްކަތުން އެމްޑީޕީ ސަރުކާރުގައި އެފަދަ ކުދިންގެ އަދަދު ވަރަށް ބޮޑުތަނުން މަދުކޮށް، ރާއްޖެ އެތެރެވާ ބާރުގަދަ މަސްތުވާ ތަކެތި އެތެރެވުން 50 އިންސައްތައަށް ކުޑަކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު މަސްތުވާ ތަކެތީގެ ވިޔަފާރިވެރިންނާ އެތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް، ފޮރެންސިކް އެއްވެސް ހެއްކަކާ ނުލައި އެމްޑީޕީގެ މެންބަރެއްގެ ބޮލުގައި އެކަން އެޅުވުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި އެކަން އިއުލާންކުރާނޭ ކަމަށް ބެލެވެނީ ވޯޓަށް ދެތިން ދުވަހަށް ވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ޑރ.އަފްރާޝީމްގެ ހަގީގީ ގާތިލް އެމްޑީޕީން ހޯދާނޭ ކަމަށެވެ.

މީގެ އިތުރުން އަނިޔާވެރި ގޮތަކަށް އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭ ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ 53 ދުވަސް ފަހުން ފުރިހަމަ ތަހުގީގަކާ ނުލައި ދެކެވޭ ވާހަކަ ތަކަކީ ސިޔާސީ ވާހަކަތަކެއް ކަމުގައި އެމަނިކުފާނުގެ ރަސްމީ ޓްވިޓަރގައި ވެސް އިއްޔެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވައުދުގެ ދަތުރުގައި ށ.ޅައިމަގަށް ވަޑައިގެންނެވި ދަތުރުމަތީގައެވެ. މިކަމާ ގުޅޭގޮތުން އެމްޑީޕީއަށް އިތުރު މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ގާނޫނެއް ނެތި މިހިތާމަވެރި ހާދިޘާ ހިގިތާ 53 ދުވަސް ފަހުން އިއުތިރާފް ބަޔާނެއްގެ މައްޗަށް ބިނާކޮށް ތަހުގީގު ނިންމެވުމުން އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާކަމުގައެވެ. އަދި މިފަދަ ގާނޫނެއް ނެތި ފޮރެންސިކް ހެކި ހޯދާ ގޮތާއި ޝަރުޢީ މަރުހަލާގައި ބޭނުންކުރާނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެމަނިކުފާނު ދައްކަވާ ވާހަކަތައް އޮޅުވާލައިގެން އާންމުންނަށް އޮޅުންއަރާ ގޮތަށް އެކި ގޮތްގޮތަށް އެވާހަކަތައް އަނބުރާ ކަމަށާއި، ބޯންޖެހޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވީ ޑްރަގް އެޑިކްޝަންގެ މާނައަކީ ބޯންޖެހުން ކަމަށް ވާތީ ކަމަށެވެ.

“އެޑިކްޝަންގެ މާނަ އަކީ ބޯންޖެހިފައި ތިބުން. އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ ބޯންޖެހިފައި ތިބި ކިތަންމެ ކުއްޖަކު އެބަތިބި. އަޅުގަނޑުމެންނަށް ޖެހެނީ އެ އެތެރެވާ ދޮރުތައް ބަންދުކުރަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދޭދޭ ގައުމުތަކާއި އަވައްޓެރި ގައުމުތަކާ ރާއްޖެއާ ދެމެދު ގުޅުން ގޯސްވެފައިވަނީ ޚާރިޖީ ސިޔާސަތު ގޯސް ވެގެން ކަމަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި ވެސް އަދި އޭގެ ކުރިން ވެސް ޚާރިޖިއްޔާ އާއި ހަވާލުވެ ތިއްބެވި ބޭފުޅުން އެކަން ވަރަށް ވިސްނުންތެރިކަމާ އެކު ވަރަށް ރަގަޅަށް ހިންގަވާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރުންނަށް ރައީސް ނަޝީދު ތައުރީފް ކުރެއްވިއެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ޚާރިޖީ ދާއިރާ ގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ގައުމީ ސަލަމާތަށް ނުރައްކާވާ ގޮތަށް އިންޑިއާގައި ވާހަކަދެއްކެވި ކަމަށް މިހާރުގެ ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ވިދާޅުވާ ވިދާޅުވުން ކުށްވެރިކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޒަކީ ކުރައްވަމުން އެގެންދަވާ މަސައްކަތަކީ އެމަނިކުފާނަށް އިތުރު ލަގަބެއް އެރުވުން ހައްގު މަގާމެއް ކަމަށާއި، އެމަނިކުފާނު އެ ކުރައްވާ މަސައްކަތަކީ ހީނަރުވެފައިވާ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަގަޅުކުރުމުގެ މަސައްކަތް ކަމަށެވެ.

ފޯކައިދޫގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އަދި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔައެވެ.