ނޫސް ބަޔާން: ކޫއްޑޫ މެނޭޖްމެންޓާ މެދު ހިންމަނުޖެހިގެން އިޙްތިޖާޖް ކުރި 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަން އެމްޑީޕީ ވިލިނގިލި ދާއިރާގެ ފަރާތުން ކުށްވެރިކުރުން

އަޕްޑޭޓްކުރީ: ރާމިޒް

އިހްތިޖާޖް ކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތް ތެރިންނަށް ލިބިގެންވާ ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 31 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވަނިކޮށް ، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ މެނޭޖްމަންޓުގެ ނިންމުމަކާއި ދެކޮޅަށް ކުންފުނީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން އިޙްތިޖާޖް ކުރަމުންދަނިކޮށް އޭގެތެރެއިން 10 މުވައްޒަފަކު 22 ނޮވެމްބަރ 2012 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަން މި ދާއިރާގެ ފަރާތުން އެންމެ މަތީ ދަރަޖައަށް ކުށްވެރި ކުރަމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އަދި ޤާނޫނު އަސާސީގެ 31 ވަނަ މާއްދާއިން ލިބިދީފައިވާ ހަޅުތާލު ކުރުމުގެ މިނިވަންކަމަކީ ވަޒީފާއާއި ބެހޭ ޤާނޫނުންވެސް އެކަންކަމަށް ބާރުލިބިދީފައިވާ އަދި އެ ބާރު ތަކަށް އެއްވެސް ޝަޙްސަކަށް ބަދަލު ނުގެނެވޭނެ ހައްޤު ތަކެކެވެ. އަދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ހިންގާފައިވާ މި ޢަމަލަކީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން ކަމުގައި ބެލެވޭ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަން ހިތާމަޔާއި އެކު ފާހަގަ ކުރަމެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގެ ސަބަބުން މިހާރަކަށް އައިސް ސަރުކާރުގެ އެކި މުވައްސަސާ ތަކާއި ކުންފުނިތަކުން ގިނަ ޢަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ދިއުމާއިި، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާތީ މިކަންކަމަކީ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފް ވަރަށް ނާތަހްޒީބު ދަށުދަރަޖައިގެ ޢަމަލު ތަކެއް ކަން ފާހަގަ ކޮށް މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

އަދި އިސްވެ ދެންނެވުނު ޙައްޤު ތައް ނިގުޅައި ގަނެވިފައިވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޙައްގު ހޯދައިދީ ބޭއިންސާފުން ކުރެވިފައިވާ އެންމެހައި ކަންކަމުގެ ބަދަލު މިހާރުން މިހާރަށް ފޯރުކޮށް ދިނުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ މެނޭޖްމަންޓަށާއި ސަރުކާރުގެ ކަމާއި ބެހޭ އެންމެހައި ފަރާތް ތަކަށް މިދާއިރާގެ ފަރާތުން ހަރުއަޑުންގޮވާލައި އިލްތިމާސް ކުރަމެވެ.


ބަޔާން ނެރުނީ: އަބްދުﷲ ތަސްލީމް ޢަބްދުލް ހަކީމް
ރައީސް
އެމްޑީޕީ ވިލިނގިލި ދާއިރާ