ކޮންކްރީޓް ތަރައްގީގެ ކިއުބިކް މީޓަރުން ވެސް 30 އަހަރުގެ ވެރިކަމާ އަޅާ ބަލާއިރު އަޅުގަނޑުމެން ތިބޭނީ 4 ގުނަ ކުރީގައި : ރައީސް ނަޝީދު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ކޮންކްރީޓް ތަރައްގީއަށް ވުރެ ބޮޑަށް އެމްޑީޕީ ސަރުކާރުން އިސްކަން ދިނީ ރައްޔިތުމީހާ ތަރައްގީ ކުރުމަށް ކަމަށާއި، އެހެން ނަމަވެސް ކޮންކްރީޓް ތަރައްގީގެ ކިއުބިކް މީޓަރުން ބެލިނަމަވެސް އެމްޑީޕީގެ ސަރުކާރު އޮންނާނީ 30 އަހަރުގެ ވެރިކަމަށް ވުރެ 4 ގުނަ ކުރީގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ދެވަނަ ޖަލްސާގައި ށ.ކޮމަންޑޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް ކަމަށާއި، އެންމެ ތުއްތު އިރު އެދެވޭ ކިރުތަށިން ފެށިގެން ދިރިއުޅުމުގެ މައިދާނަށް ނުކުތުމާއި، އަދި އެ މީހަކު ދުނިޔެދޫކޮށް ދިއުމާއި ހަމައަށް އެމީހަކާ އަޅާލެވިގެން ނޫނީ ގައުމު ތަރައްގީ ނުކުރެވޭނޭ ކަމުގައެވެ.

މިރާއްޖޭގައި ބަޔަކަށް ޕެންޝަނެއް ހައްގުވާނަމަ އެ ޕެންޝަން ހައްގުވާ ކަމަށް އެމްޑީޕީން ދުށީ 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނަށް ކަމަށް ރައީސް ނަޝީދު މިރޭ ވެސް ވިދާޅުވިއެވެ. މިރާއްޖެ ދިވެހިންނަށް ލިބިފައި މިވަނީ ދޮށީ އުމުރުގެ މީހުން މަހަށް ފަރަށް ފުރީތީ ކަމަށާއި، އޮޑި ފަހަރު ބަނދެ، ރިޒޯޓް ހެދީތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އެމްޑީޕީ ސަރުކާރުން ދޭން ފަށާފައިވާ ޕެންޝަން މިހާރު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކި ގާނޫނެއްގެ ދަށުން ދޭން ފަށާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އަބަދުވެސް އެ ޕެންޝަން ދެވެމުންދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމަންޑޫގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ދައުރު ހަމަނުވަނީސް ބަޤާވާތެއް ގެނައުމުގެ ސަބަބުން “ޓާރމް ނުނިމެނީސް ރިޕޯޓް ފޯމް ލިބިއްޖެ” ކަމަށެވެ. އެހެން ކަމުން އެމްޑީޕީ ސަރުކާރުން އުތުރުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ވެސް އެހިސާބުން ހުއްޓިފައިވާ ކަމަށާއި، ބަޣާވާތެއް ގެނެސް ސަރުކާރާއި ހަވާލުވި އެމަނިކުފާނުގެ ނާއިބަށް ތަރައްގީގެ މަޝްރޫއުތައް ހިންގަވަން އެނގިވަޑައިނުގެންނެވި ކަމަށެވެ. ކޮމަންޑޫގެ ތޮށިނުލެވި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާނުލެވި، އަދި ކޮމަންޑޫގެ ހައުސިންގ ޔުނިޓްތައް ވެސް އެޅިފައި ނުވަނީ އެ ސަބަބާ ހުރެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވައުދުގެ ދަތުރުގައި ރައީސް ނަޝީދު ކޮމަންޑޫއަށް ވަޑައިގެންނެވީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައެވެ. ކޮމަންޑޫއަށް ވަޑައިގެން އެމަނިކުފާނާއި ވައުދުގެ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށް އެއްވެފައިވާ އެރަށުގެ ކުދިބޮޑު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެރަށު ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން އެރަށުގައި އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދިޔައެވެ.