ވައުދުގެ ދަތުރުގެ ބައިވެރިން ފުނަދޫ އާއި މާއުނގޫދޫއަށް ޒިޔާރަތްކޮށްފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ށ.ފުނަދޫ އާއި، މާއުނގޫދޫއަށް މިއަދު ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ށ.ފުނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯގައި ކުރާން ނިންމި ކަންކަން ހާސިލްވެފައިވާ މިންވަރާ މެދު ރަށުގެ ރައްޔިތުންނާ ރައީސް ނަޝީދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެރަށުގައި އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ދިޔައެވެ.

ފުނަދޫ ރައްޔިތުން ވަނީ އެރަށުގެ ބަނދަރާއި ނަރުދަމާގެ މަސައްކަތް އެމްޑީޕީ ސަރުކާރުން ކޮށްފައިވާތީ އެކަން ފާހަގަކުރައްވައި ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ. އަދި ބަޣާވާތަށް ފަހު، މިހާރު އެ ސަރަހައްދުގެ ފެރީ ނިޒާމް ހުއްޓިފައިވާ ކަމާއި، ބޭސް ފަރުވާ ކުރުމުގައި ހުރި ދަތިކަމުގެ ކަންބޮޑުވުން ރައީސް ނަޝީދާ އެރަށު ރައްޔިތުން ހިއްސާ ކޮށްފައިވެއެވެ.

ވައުދުގެ ދަތުރުގެ ބައިވެރިން ފުނަދޫ އެކޭ އެއް ފަދައިން މިއަދު މެންދުރު ށ.މާއުނގޫދޫގައި ވެސް ޕޮލިސީ ފޯކަސްޑް ގްރޫޕްގެ މަޝްވަރާ ބައްދަލުވުމާއި، ދޮރުންދޮރަށް ހިނގުން ކުރިއަށް ގެންދިޔައެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ށ.ކޮމަންޑޫއަށެވެ. އެރަށުގައި އެމް.ޑީ.ޕީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.